ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ފަލަސްތީނުގެ ރެޑް ކްރެސެންޓަށް ސީދާ އެހީވުމަށް ހުޅުވި ފަންޑަށް 2.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ރެޑް ކްރެސެންޓުން ބުނާ ގޮތުގައި، މި އަދަދަށް ފައިސާ ލިބުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހާއި ހަމައަށެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ފަލަސްތީން ރިލީފް ފަންޑު ހުޅުވާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

އަދި ފަންޑް ރެއިޒިން ކުރިއަށް ގެންދިއުމަށް ހަމަޖެއްސީ މިދިޔަ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް، ދެ ހަފްތާއަށެވެ.

މިމުއްދަތުގައި އެ ފަންޑަށް 2،105،227.14ރ. ލިބިފައިވާ ކަމަށް ދިވެހި ރެޑް ކްރެސެންޓުން މިވަނީ ހާމަކޮށްފައެވެ.

އަދި މިހާރު މި މުއްދަތުގައި ލިބުނު ފައިސާ ފަލަސްތީނު ރެޑް ކްރެސެންޓަށް ޖަމާ ކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެއެވެ.

ނަމަވެސް ހަނގުރާމަ ދިގު ދެމި، އަދި ގިނަ ބައެއްގެ އެދުމުގެ މަތިން ފަނޑު މި ނޮވެމްބަރު މަހުގެ 12 އާއި ހަމައަށް ހުޅުވާފައިވާ ބެހެއްޓުމަށް އެ ޖަމާޢަތުން ވަނީ ނިންމައިފައެވެ.