ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރުވާންޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.

Ads by Asuru

މިދަތުރުފުޅުގައި ރައީސް ސޯލިހު އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅަކީ ރުވާންޑާގެ ކިގާލީގައި މި އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުން 25 ވަނަ ދުވަހަށް ކުރިއަށްދާ ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއީ 2020 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުނު ފަހުން، ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅަކީ، ޑިމޮކްރަސީއާއި، އިންސާނީ ޙައްޤުތަކާއި، ހެޔޮވެރިކަމާއި، ޤައުމުތަކުން އެކުގައި މަސައްކަތް ކުރުމާއި، ދުނިޔޭގެ ސުލްހަ މަސަލަސްކަން ކުރިއެރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައާއެކު، ހާއްސަކޮށް ކޮމަންވެލްތުގެ މެންބަރު ގައުމުތަކާއެކު ރާއްޖެއިން މަސައްކަތްކުރުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ.

އެގޮތުން މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަ ޤައުމުތައް ބައިވެރިވާ މިފަދަ ފޯރަމްތަކުގެ ޒަރިއްޔާއިން، އެންމެން ޝާމިލުވާ، ހަރުދަނާ، އަދި ތިމާވެށްޓާ މެދު ހޭލުންތެރި މުޖުތަމަޢުތަކެއް ބިނާކުރުމަށް ބޭނުންވާ ފަންނީ ތަޖުރިބާ އާއި އެހީތެރިކަން ހޯދުމެވެ.

މި ބައްދަލުވުމުގެ ހަވާސާގައި، ގައުމުތަކުގެ ވެރިންނާ އެކު ބާއްވަވާ މަޝްވަރާ ބައްދަލު ކުރެއްވުންތަކުގައި، ބައިނަލްއަގްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލުކުރުމުގައި ރާއްޖެއިން ބައިވެރިވެ މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސް މަޝްވަރާކުރައްވާނެއެވެ.