ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހަށް، ސަރުކާރުން ދޭން ޖެހޭ މުހިންމުކަން، އަންނަ އަހަރުން ފެށިގެން ދެއްވާނެކަމުގެ ޔަޤީންކަން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވަވައިފިއެވެ.

އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައެވެ.

އިންތިޚާބީ ރައީސް ވަނީ ނަސްރުގެ ދުވަހުގެ ހެޔޮ ދުޢާއާއި ތަހްނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ.

”ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށްޓަކައި، 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދޭނެ ވާހަކަ ދަންނަވަން.“ މުޢިއްޒު ކުރެއްވި ޕޯސްޓުގައިވެއެވެ.

މުޢިއްޒު މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ސަރުކާރުން ނަސްރުގެ ދުވަހަށް ދޭން ޖެހޭ ސަމާލުކަން ނުދޭ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިން ވަނަ ދުވަހު، ދިވެހީންގެ ބަޔަކު އަޑީގައި ތިބެ ރާއްޖެއަށް ގެނައި ބޭރުގެ ސިފައިންގެ ކިބައިން ދިވެހީންނަށް ޤައުމު ސަލާމަތް ކުރެވުނު ދުވަހެވެ.

ނޮވެމްބަރު 3ގެ އުދުވާނުގައި 19 ދިވެހީން ޝަހީދުވިއެވެ. އޭގެތެރޭގައި ސިފައިންގެ 8 ބޭކަލުން ހިމެނެއެވެ.