އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން, އައިއޭސީން ދިވެހިންގެ ނަމުގައި 20 ހާސް ލީޓަރުގެ ތެޔޮ ޣައްޒާއަށް ދީފިއެވެ.

އައިއޭސީން ބުނީ ދިވެހި ރައްޔިތުނަށް އަނެއްކާވެސް މިއީ އުފާވެރި ދުވަހެއް ކަމަށާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ އެހީގައި ޣައްޒާގެ އަލް އަޤްސާ މާޓިޔާރސް ހޮސްޕިޓަލަށް 20ހާސް ލީޓަރުގެ ތެޔޮ ފޯރުކޮށްދެވިފައިވާ ކަމަށެވެ.

އަދި ޔަހޫދީންގެ އަނިޔާތައް ކިތަންމެވަރަކަށް ދިންނަމަވެސް ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާ ނުލާނެ ކަމަށާއި ބޮން އަޅާތީ ބިރުން ޣައްޒާގެ ރައްޔިތުނަށް ދެވެން ހުރި އެހީއެއް ނުދީ ނުތިބޭނެ ކަމަށް ވެސް އައިއޭސީން ބުންޏެވެ.

”އަޅުގަނޑުމެން އެންމެން، އެންމެހާ ދިވެހީން މިިތބީ ފަލަސްޠީނާއެކުކަން، ޣައްޒާއާއި އެކުކަން އަޅުގަނޑުމެން މިދަނީ މުޅި ދުނިޔެއަށް ހާމަކޮށްދެމުން“ އައިއޭސީން ބުންޏެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ވައިގެ މަގުންނާއި އެއްގަމު މަގުން ދެމުން ގެންދާ ހަމަލާތައް މިހާރު ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެ ގައުމުގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު ޑރ.އަޝްރަފް އަލް ކިދްރާ ބުނީ ޣައްޒާގައި މިހާތަނަށް 9،061 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 3،760 ކުދިން ހިމެނޭ ކަމަށް ވެސް އޭނާ ބުންޏެވެ.