ދައުލަށް އާމްދަނީ ލިބޭނެ ފައިދާހުރި ބޮޑު މަޝްރޫއުއެއް ނުހިންގި، ސަރުކާރުގެ ދަރަނި ވީ އިތުރު ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، ޕީއެސްއެމްއިން ގެނެސްދޭ ”ދިވެހީންގެރާއްޖެ“ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ސަޢީދު ވިދާޅުވީ، ރާއްޖޭގެ ދަރަނީގެ ޙާލަތު މިވަގުތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށެވެ. އެގޮތުން ބަލާއިރު، ބޭރުގެ ދަރަނި ގާތްގަނޑަކަށް 125 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިހާރު ހިނގަމުންދާ ސަރުކާރުން އުފަންކުރި ދަރަނި ގާތްގަނޑަކަށް 75 ބިލިއަން ރުފިޔާއަށް އަރާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި ސަރުކާރުގެ ބޮޑު ދަރަންޏެއް އޮތްނަމަވެސް، ދައުލަތަށް އާމްދަނީއެއް ވަންނާނެ ފަދަ ފައިދާހުރި ބޮޑު މަޝްރޫއެއް މި ސަރުކާރަށް ހިންގިފައި ނުވާކަމަށާއި ތިލަމާލޭ ބްރިޖު މަޝްރޫއު ނުނިމި ދިގުލައިގެން ދިޔުން އެކަމުގެ މިސާލަކަށް ފުދޭކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ނުނިމި ދިގުލައިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

މި ސަރުކާރުން ދަރަންޏަށް ނެގި ފައިސާ، ސިޔާސީ އެކި ބޭނުންތަކަށް ބޭނުން ކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.