ޕީޕީއެމް/ޕީއެންސީއަށް ވެރިކަމާ ހަމައަށް އާދެވުނު ގޮތް ހަނދާން ނުނެތޭ ކަމަށް ކުރިއަށް އޮތް ފަސް އަހަރު ވެރިކަން ކުރާނެ މައި ޕާޓީ، ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވެފައި ވަނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ހުޅުމީދޫގައި ރޭ ބޭއްވި ޖަލްސާގައެވެ.
އޭނާގެ ވާހަކައިގައި ވަނީ މިހާރު އޮތް އެމްޑީޕީގެ ސަރުކާރު ގެނެސްގެން ދިވެހި ޤައުމު ސުންނާފަތި ކުރީ ކޮންބައެއްކަން ހަނދާނުގައ އެބަހުރި ކަމަށާއި، ވެރިކަން ހޯދަން ދަތި ކުރީ ކޮންބައެއްކަން ވެސް ހަނދާނުގައި ހުރި ކަމަށެވެ.
”އަޅުގަޑުމެންގެ ހަނދާނަކުން ނުދާނެ އަޅުގަޑުމެންނަށް ވެރިކަމާ ދިމާލަށް މި އާދެވުނީ ކިހިނެއް ކަމެއް. ވެރިކަން އަޅުގަޑުމެންނަށް ލިބުނީ ކިހިނެއް ކަމެއް. ވެރިކަން ހޯދަން އަޅުގަޑުމެން ކުރި މަސައްކަތެއް. އެކަމުގަ އެއްބާރުލުން ދިން ފަރާތްތަކެއް.“
ލ.ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވީ، މި ޤައުމަށް އަނިޔާވެރިވި ފަރާތްތަކެއް ވެސް ހަނދާނުން ނުފިލާނެ ކަމަށާއި، އެމްޑީޕީގެ ސަރުކާރެއް ގެނެސްގެން މުޅި ޤައުމު ސުންނާފަތި ކުރީ ކޮންބައެއްކަން ވެސް ”އަޅުގަޑުމެންގެ ހަނދާނުގައި އެބަހުރި“ ކަމަށެވެ.
”އެ މަންޒަރު އަޅުގަޑުމެންގެ ލޮލަށް އެބަ ފެނޭ. އެއަޑުތައް މިހާރުވެސް އަަޅުގަޑުމެންގެ ކަންފަތަށް އެބަ އިވޭ.“
އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް ގެނައީ އިދިކޮޅު ލީޑަރު ރައީސް ޔާމިންއާއި ގުޅުވައިގެން ދޮގު ވާހަކަ ދައްކައިގެން ކަމަށެވެ. އަދި އެމަނިކުފާނުގެ ބޮލުގައި ނާޅުވާ އިލްޒާމެއް ނެތް ކަމުގައެވެ.
