ރައްޔިތުންގެ މަޖިލީހުގައި ރައީސް، އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ކަމަށް ބުނެ އެމްޑީޕީން ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާތީ، ރައީސް ނަޝީދު ވަކިކުރާ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އުޒުރުވެރިވެވަޑައިގެންފިއެވެ.
އީވާގެ އެ ނިންމެވުމާ ގުޅިގެން، ނަޝީދު ވަކިކުރާ މައްސަލަ ކުރިއަށް ގެންދަން މިއަދު ބާއްވަން ތާވަލުކުރި ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފައެވެ.
ރައީސް ނަޝީދުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ވެސް އެޖެންޑާ ކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހަށް އީވާ ރޭ ފޮނުވި ސިޓީއެއްގައި ވިދާޅުވީ ނަޝީދު މަޤާމުން ވަކި ކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
ހަމަ އެހެންމެ ކޯޓުން މައްސަލަ ނިންމުމުގެ ކުރިން ވަކި ގޮތެއް އިހްތިޔާރު ކޮށްގެން ކުރިޔަށް ގެންދިޔުމަކީ މަޖިލީހުން މީގެ ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތެއް ނޫން ކަމަށް ސިޓީގައިވެއެވެ.
އަދި އެއީ ކޯޓުގެ ގަދަރާއި ހުރުމަތަށް އިހްތިރާމް ކުޑަ ކުރުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވަކި ގޮތެއް އިޙްތިޔާރު ކޮށްގެން ކުރިއަށް ގެންދިޔުމަކީ، ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަކަށް ނުފޫޒަކަށް ވާނެ ކަމަކަށް ވެސް ދެކޭ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގައި ބަލަމުން ގެންދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރިޔާސަތުގައި އިނުމަށް އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގަނެ، އެ މައްސަލަ މާދަމާ ހެނދުނު 10:00 އަށް ވަނީ ތާވަލުކޮށްފައެވެ.
