ދައުލަތުގެ ބަޖެޓު ހިންގަން ދަރަނި ނެގުމަށްވުރެ، ރިސޯޓުތަކުން ނުދައްކާ ހުރި ކުލި އަތުލިނަމަ، ރައްޔިތުންނަށް ލުއިވީީސް ކަމަށް ޕީއެންސީގެ ސެނެޓަރ މުޙައްމަދު ޖަލާލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ މިހެން ވިދާޅުވެފައި ވަނީ، އަންނަ އަހަރުގެ ބަޖެޓު ހިންގުމަށް 17.2 ބިލިއަން ރުފިޔާ ދަރަންޏަށް ހޯދަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމާއި ގުޅިގެންނެވެ.
ޖަލާލް ވަނީ ރިސޯޓްތަކުން ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް ނުދައްކާ ކުލި 17 ބިލިއަން ރުފިޔާއަށްވުރެ މަތިކަން ފާހަގަކޮށް، އޮންލައިން ނޫހަކުން ޝާއިޢު ކުރި ލިޔުމެއްގެ ސްކްރީންޝޮޓެއް ވެސް ޕޯސްޓުގައި ހިމަނުއްވައިފައެވެ.
”17 ބިލިއަން ރުފިޔާގެ ދަރަނި ނެގުމަށްވުރެ ރިސޯޓުތަކުން ނުދައްކާ އޮތް ކުލި އަތުލަން މަސައްކަތް ކުރިނަމަ ޤައުމަށާއި ރައްޔިތުންނަށް މާ ލުއިވީސް. އޭގެ ބަދަލުގައި، ނިކަމެތިން އަތުން ނަގާ ޓެކްސް ބޮޑު ކޮށްލީ.“ އޭނާ ވިދާޅުވިއެވެ.
17 ބިލިއަން ރުފިޔާގެ ދަރަނި ނެގުމަށްވުރެ ރިސޯޓުތަކުން ނުދައްކާ އޮތް ކުލި އަތުލަން މަސައްކަތް ކުރިނަމަ ޤައުމަށާއި ރައްޔިތުންނަށް މާ ލުއިވީސް. އޭގެ ބަދަލުގައި، ނިކަމެތިން އަތުން ނަގާ ޓެކްސް ބޮޑު ކޮށްލީ. pic.twitter.com/ZGQlom5VQ8
— Jal'Earl (@EarlJal) November 4, 2023
އޮޑިޓަ ޖެނެރަލް އޮފީހުން އާއްމުކުރި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 2016 އިން 2020 ގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު ވަނީ 21.6 ބިލިއަން ރުފިޔާ ފަހަނަ އަޅައިފަވެ. އަދި މީގެތެރޭގައި އެންމެ ބޮޑު ހިއްސާއެއް ހިމެނެނީ ރިސޯޓް ތަކުން ދައްކަން ޖެހޭ ކުއްޔެވެ.
މިގޮތުން ރިސޯޓުތަކުން ދައްކަން ޖެހޭ ކުލި 17 ބިލިއަން ރުފިޔާއަށް އަރާއިރު، އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ނުލިބިހުރި އާމްދަނީގެ 78 އިންސައްތަ ހިއްސާވަނީ ރިސޯޓުތަކުގެ ކުއްޔެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު، ސަރުކާރުން ވަނީ އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާ ބަޖެޓެއް ލަފާކޮށް މަޖިލީހަށް ހުށަހަޅައިފައެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެފައިވާ ގޮތުގައި، ދައުލަތުގެ ދަރަންޏާއި، ދައުލަތަށް ލިބޭ އާމްދަނީއާއި ދެމެދު ހުރި ފަރަޤުތައް ކުޑަ ކުރެއްވުމުގެ ބޭނުންފުޅުގައި، އިންތިޚާބީ ރައީީސް ޑރ.މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކީ 49 ބިލިއަނަށް ވުރެ އަންނަ އަހަރުގެ ބަޖެޓު ބޮޑު ނުކުރުމެވެ.
ދައުލަތުގެ ދަރަނި އަންނަ އަހަރުގެ ނިޔަލަށް 129.1 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ލަފާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
