އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޕީއެންސީ އަށް އިތުރު 500 މީހުން ސޮއިކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕާޓީއާ އަލަށް ގުޅުނު މީހުންގެ ފޯމްތަކާ ހަވާލުވެވަޑައިގެންނެވީ އިންތިޚާބީ ރައީސް މުޢިއްޒެވެ. ޕީއެންސީން ބުނި ގޮތުގައި އަލަށް ސޮއިކުރި މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ.

ޕީޕީއެމް/ޕީއެންސީން މި ހަފުތާގައި އައްޑު އަށް ކުރި ދަތުރުގައި ވެސް ޕާޓީ އަށް މެންބަރުން އިތުރުކުރަން މަސައްކަތްތަކެއް ކުރިއެވެ.

ޕީއެންސީގެ އަމާޒަކީ ޕާޓީގެ މެންބަރުންގެ އަދަދު ވީހާ ވެސް އަވަހަކަށް 10،000 އަށް އެރުވުމެވެ. ދައުލަތުން ފައިސާ ދޭނީ އެ އަދަދަށް މެމްބަރުން ހަމަވުމުންނެވެ.

ޕީއެންސީގެ މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް އަންނަނީ ކުރަމުންނެވެ.