ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީޤު ކުރައްވައިފިއެވެ.
ރައީސް ޞާލިޙު މި ބިލު ތަސްދީޤު ކުރައްވައިފައި ވަނީ އިއްޔެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ބިލު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ.
މި ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ މީހެއްގެ ހުށަހެޅުން ގަބޫލު ކުރިކަން ނުވަތަ ޤަބޫލު ނުކުރާކަން އެމީހަކަށް ލިޔުމުން އަންގަން ޖެހޭނެއެވެ.
މީގެއިިތުރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ ހުށަހެޅުމާމެދު އީސީއިިން ގޮތެއް ނިންމުމުގައާއި އެ ނިންމުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް އެންގުމުގައި ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި ޢަމަލުކުރާނެ އުސޫލު ވެސް މި ގާނޫނުގައި މިހާރުު ވަނީ ބަޔާންކޮށްފައެވެ.
އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމަށް ބޭނުންވާނަމަ ކަނޑައަޅާފައިވާ މުއްދަތު ގުނަން ފަށާނީ ކުރިން ބުނެވުނު 5 ދުވަސް ހަމަވާ ވަގުތުން ފެށިގެން ކަމުގައި ކަމަށް ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
