ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރިއަށްގެންދާ ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުޤީޤަށް، އެ ކޮމިޝަނުން ޕްލޭނިން މިނިސްޓްރީއަށް ވަދެއްޖެއެވެ.
ޕާޓީ ކުދިންނާއި، ގާތް އެކުވެރިންނަށް އެމްޑީޕީގެ ސަރުކާރުން ފްލެޓްތައް ބަހައިލިކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ. އެގޮތުން ޕޮއިންޓް ދީފައި ހުރި ގޮތާއިމެދު ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑެވެ. އިއްޔެ ގިނަ ބަޔަކު ވަނީ މިނިސްޓްރީއަށް ވަދެ، އިހްތިޖާޖު ވެސް ކޮށްފައެވެ.
އޭސީސީން މިއަދު ހެނދުނު ވަނީ މިކަމުގެ ތަޙްޤީޤު ފަށައިފައެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ އޭސީސީގެ ޓީމެއް މިއަދު މިނިސްޓްރީއަށް އައުމުން މަޢުލޫމާތުތައް ދޭން ފަށާފައިވާ ކަމަށެވެ.
ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅައި އާންމުކުރުމުން ޝަކުވާތަކެއް ހުރުމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ފުރުސަތު ވަނީ އިއްޔެ އިން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް ހުޅުވާލާފައެވެ.
