ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިޔަނަމަވެސް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢުއްޒު މަޤާމުގެ ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބަންޑާރަނައިބުގެ އޮފީހުން ވާހަކަ ދައްކަވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތުން ވަކި ދުވަހެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު މަޖިލީހުގެ ޖަލްސާއެއްގައި ހުށަހެޅުމަށް ލާޒިމުކުރާ ކަމަށާއި، އެ މާއްދާގެ (ރ) ގައި ބަޔާންކުރަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައިވަނިކޮށް މަޖިލީހުގައި އެއްވެސް ކަމަކާ މެދު ބަހުސްކޮށް، ނުވަތަ ގޮތެއް ނިންމަންވާނީ އިތުބާރު ނެތްކަމުގެ ގަރާރާއިމެދު ގޮތެއް ނިންމުމަށްފަހު ކަމަށެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) އޮތްގޮތުން އާ ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމަށް އެއްވެސް ހުރަހެއް އެޅޭތޯ ސުވާލު ކުރެއްވުމުން،  ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ.

އެކަން އިތުރަށް ތަފްސީލުކޮށްދެއްވާ ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިިންމަންޖެހޭކަންކަން ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި، އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމުގެ ވާހަކަ ނާންނަކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވާ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ ތަދައްޚުލުވެފައެވެ.