ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް ފައިނޭންޝަލް އޮފިސަރު(ސީ.އެފް.އޯ)ގެ މަޤާމަށް ދާއިމީ ގޮތެއްގައި މީހަކު އައްޔަނު ނުކުރުމަށް ފެނަކައިގެ މައްޗަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފިއެވެ.
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ފެނަކައިގެ މައްޗަށް މިގޮތަށް ވަގުތީ އަމަރެއް ނެރެފައި ވަނީ، އެ ކުންފުނީގެ ސީއެފްއޯގެ މަޤާމުގައި ހުންނެވި އަބްދުﷲ ވަހީދު(ވައްޑެ) އެއްވެސް ސަބަބެއް ނާންގައި، ވަޒީފާއިން ވަކި ކުރި މައްސަލަ އޭނާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅުއްވުމުންނެވެ. ފެނަކައިން ވަހީދު ވަޒީފާ އިން ވަކި ކޮށްފައި ވަނީ، ޒިންމާތަކުން އެކަހެރި ކޮށްފައި ހުންނަތާ 11 މަސް ދުވަސް ފަހުންނެވެ. އޭނާ ފެނަކައިގެ ސީއެފްއޯގެ މަޤާމުގައި ހުންނެވީ ސީއެފްއޯގެ މަޤާމުގައި ހުންނެވީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހާއި ހަމައަށެވެ.
ވަހީދު ވަޒީފާއިން ވަކި ކުރިކަމުގެ ލިޔުމުގައި ވަނީ، އޭނާ ވަޒީފާއިން ވަކި ކުރަނީ އެ ކުންފުނީގެ ޤަވާއިދުގެ 34.8 ވަނަ މާއްދާގެ (ހ) ގެ 1 ގައި ވާ ގޮތުގެ މަތިން، ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ، ވަޒީފާ ދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާ ކުރާ ތަނަށް އިތުރު ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ ކަމަށް ފެންނާތީ ކަމަށެވެ.
ވަހީދު ފެނަކައިގެ ސީއެފްއޯގެ މަޤާމުން ވަކި ކުރީ ކީީއްވެ؟
މި މައްސަލައިގައި ވަހީދު މީޑިއާކަށް ކުރިން ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވާ ގޮތުގައި، އޭނާ ވަޒީފާއިން ވަކި ކުރި ސަބަބު ހޯދުމަށް 200އަށްވުރެ ގިނަ ފަހަރު ފެނަކައިގެ މެނޭޖްމަންޓަށް ގުޅުއްވައިފައިވާނެއެވެ. ސަތޭކައަށްވުރެ ގިނަ ފަހަރު މެސެޖު ކުރައްވައި، ހައެއްކަ ފަހަރު ސިޓީން ވެސް ޖަވާބަކަށް އެދިލެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
”މައިގަނޑު ގޮތެއްގައި ދިމާވި އެންމެ ބޮޑު އިޝޫ(މައްސަލަ) އަކީ ކުންފުނީގެ ދަރަނީގެ ޙާލަތު، ދަރަނީގެ ޙާލަތާއި ބެހޭގޮތުން، ސީއެފްއޯގެ ހައިސިއްޔަތުން އަޅުގަނޑު އެބަޖެހޭ، ބޯޑަށް ހުށަހަޅަން، އަދި މެނޭޖްމަންޓަށް ހުށަހަޅަންޖެހޭ ކަންތައްތައް ހުށަހަޅަން. ހިތްހަމަނުޖެހުންތަކެއް މައިގަނޑު ގޮތެއްގައި ފުރަތަމަ އައީ އެ ހިސާބުން ފެށިގެން ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެނީ.“ އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ފެނަކައިގެ ދަރަނީގެ ޙާލަތާއިމެދު އޮތް ކަންބޮޑުވުމާއިއެކުގައި ވެސް އޭނާ ސަރުކާރަށް ފާޑުވިދާޅުވެ، އިދިކޮޅަށް މީީސްމީޑިއާގައި އެ ދުވަސްވަރު ޕޯސްޓް ކުރައްވަމުން ގެންދެވިނަމަވެސް ފެނަކައާއި ގުޅުން ހުރި ވާހަކަތައް ހިއްސާ ކުރައްވައިފައި ނުވާނެ ކަމަށެވެ.
މި މައްސަލައިގައި ވަހީދު ޓްރައިބިއުނަލުގައި އެދިވަޑައިގަތީ، އޭނާގެ ވަޒީފާ އިޔާދަ ކޮށްދެއްވުމަށާއި، ފެނަކައިގެ ސީއެފްއޯގެ މަޤާމަށް އިތުރު މީހަކު ނުނެގުމަށާއި، އެ މަޤާމަށް އިތުރު މީހަކު ނެގުމަށް އެއްވެސް މަސައްކަތެއް ކުރަމުންދާނަމަ، އެކަން ވަގުތުން ހުއްޓައިލުމަށް ފެނަކައިގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

ޓްރައިބިއުނަލްގެ އަމުރުގައި ވަނީ ވަހީދު އެދިވަޑައިގެންނެވި ގޮތަށް، ފެނަކައިގެ ސީއެފްއޯގެ މަޤާމަށް މީހަކު ނުނަގައި ލަސްކޮށްފިނަމަ، ކުންފުނީގެ މާލީ ކަންކަމަށް ބުރޫ އަރައި، ކުންފުންޏާއި ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ކުންފުނިން ޚިދުމަތް ހޯދާ ރައްޔިތުންނަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވާނެ ކަމަށް ފެނަކައިން ބުނާއިރު، ވަހީދު ސީއެފްއޯގެ މަޤާމުން ވަކި ކުރުމުގެ ކުރިން، އޭނާ ހުންނެވި މަޤާމު، އެހެން މުވައްޒަފަކަށް ވަގުތީ ގޮތުން ޙަވާލު ކުރިކަން އެނގެން އޮތް ކަމަށެވެ. އަދި ވަހީދު ވަކި ކުރި ތާރީޚުން ފެށިގެން މިއަދާއި ހަމައަށް ވެސް، ފެނަކައިގެ ސީއެފްއޯގެ މަޤާމަށް އެހެން މީހަކު އައްޔަނު ކޮށްފައިނުވާއިރު، ސީއެފްއޯގެ ޒިންމާތައް ވަގުތީ ގޮތުން، އެހެން މުވައްޒަފަކަށް އަދާ ކުރެވުނު ފަދައިން، އެ މަޤާމުގެ މަސައްކަތްތަކަށް ބުރޫ އެރުމެއް ނެތި، އަދި ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށް، އެ މަޤާމުގެ ޒިންމާތައް އަދާ ކުރުމަށް ވަގުތީ މުވައްޒަފަކު އައްޔަނުކުރުމުގެ ފުރުޞަތު ފެނަކައަށް އޮތުމުން، އެ ކުންފުނިން ބުނާ ފަދަ، ”ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް“ އެ ކުންފުންޏަށް ލިބިދާނެ ކަމަށް ނުފެންނަ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
ޓްރައިބިއުނަލްގެ ވަގުތީ އަމުރުގައި ވަނީ، މައްސަލައިގެ މައުޟޫއުގައި ވަކި ގޮތެއް ކަނޑަޅަންދެން، ނުވަތަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ވަކި ގޮތެއް އަންގަންދެން ވަހީދު އަދާ ކުރަމުން ގެންދިޔަ ސީއެފްއޯގެ މަޤާމަށް ދާއިމީ މުވައްޒަފަކު އައްޔަނު ނުކުރުމަށާއި، އެ މަޤާމަށް ދާއިމީ ގޮތެއްގައި އިތުރު މީހަކު ނެގުމަށް އިތުރު މަސައްކަތެއް ކުރަމުންދާނަމަ، އެކަން ވަގުތުން ހުއްޓާލުމަށް ފެނަކައިގެ މައްޗަށް އަންގާ، އަމުރު ކުރާ ކަމަށެވެ.
ވަހީދު ފެނަކައާއި ގުޅިވަޑައިގަތީ، 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އޭރު އޭނާ ހުންނެވީ އެ ކުންފުނީގެ ޗީފް އެކައުންޓެންޓްގެ މަޤާމުގައެވެ.

ތީ 400 މިލިއަން އަމިއްލަ ކުންފުންނި ހަދައިގެން ނެގި ބޮޑު ވަގެއް…