މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސީނިއާ ލެކްޗަރާ ޢަލީ އަށް ބޮޑެތި އަނިޔާތަކެއްވި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ ދެ އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި އެކްސިޑެންޓުގައި ދަޢުވާ ކޮށްފައި ވަނީ ރ. އިނގުރައިދޫ/ ލެގޫން ވިއު، ޝަމްއާން އަބްދުއްޝުކުރޫގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާ ހުށަހަޅަމުން ދައުލަތުން ބުނީ ޝަމްއާން، މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ފަތިހު 5:00 ޖެހި އެހާކަންހާއިރު، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި، މަޖިދީމަގު ސުލްތާން އާދިލް މިސްކިތް ކުރިމަތިން ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ހަފީޒު މަގު ހުރަސްކުރަނިކޮށް ގައިގައި ސައިކަލުން ޖެހުމުގެ ސަބަބުން، އުމުރުން 50 އަހަރުގެ ހަފީޒަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
ކޯޓުގައި ޝަމްއާން އެ ދަޢުވާއަށް އިއުތިރާފުވުމުން، މި މައްސަލައިގައި އަވަސް ނިޔާގެ އަޑުއެހުމެއް ވަނީ ބާއްވައިފައެވެ.
މިގޮތުން ޝަމްޢާންގެ މައްޗަށް ދެ އަހަރަށް ޖަލަށްލުމަށް ޙުކުމް އިއްވާފައިވާއިރު، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށްފަހު، ދެން އޭނާ ޖަލުގައި ހޭދަ ކުރަން ޖެހޭނީ އެއް އަހަރާއި 10 މަހާއި 29 ދުވަހުގެ މުއްދަތެއް ކަމަށް މިއަދު ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ބުނެފައި ވެއެވެ.