އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހިނގަމުންދާ ވަގުތު އިސްލާމީ މަރުކަޒުގެ އެއް ބައި ބަންދު ކުރުމަށް ނިންމައިފިއެވެ.
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި، ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތާ ގުޅިގެން އެދުވަހުގެ އަސުރު ނަމާދާއި މަގްރިބު ނަމާދަށް އަންނަ މީހުން އިސްލާމީ މަރުކަޒުގެ ދެކުނު ފަޅި( މެދުޒިޔާރަތްމަގު) ކުރީގެ ދިރާގުގެ މައި އޮފީސް ހުރި ފަޅިއާއި އަދި އިރުމަތީ ފަރާތު ނޭޝަނަލް އާޓް ގެލެރީ ހުންނަ ފަޅި ބޭނުން ކުރުމަށް ވަނީ އެދިފައެވެ.
މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ މަސައްކަތްތައް ކުރުމަށް 22.9 މިލިއަން ރުފިޔާ އަށް ސިވެކާ ހަވާލުކޮށްފައެވެ.
ރަސްމިއްޔާތަށް ތަން ތައްޔާރުކުރުމަށްޓަކައި ޖުމްހޫރީ މައިދާނުގައި މިހާރު ވަނީ މަސައްކަތް ފަށައިފައެވެ. އެގޮތުން އެ ސަރަހައްދު ވަށައިގެން ފެންސް ޖަހައި، ހުދު ކުލައިގެ ބޮޑު ޓެންޓެއް ވެސް ވަނީ ހަރުކޮށްފައެވެ.