ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން އާއިލާގެ ބައެއް މެމްބަރުންނަށް ފްލެޓު ލިބުނީ އެ ސްކީމަށް ޝަރުތު ހަމަވާތީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަޙުމަދު ވިދާޅުވެއްޖެއެވެ.
4،000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިދިޔަ ހޮނިހިރު ދުވަހު އާއްމުކުރުމާ އެކު ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ފްލެޓް ލިބުނު ކަމާއި، ބޭ އިންސާފުން ޕޮއިންޓު ދިން ކަމަށް ވަރަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.
އަދި ރައްޔިތުން ކުރަމުން އަންނަ ޝަކުވާތައް ނުބަލައި ފްލެޓްތައް ދޫނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ވަނީ އަންގައިފައެވެ.
އެމްޕީ އިސްމާއީލް އަހުމަދު ވިދާޅުވީ ފްލެޓު ލިސްޓުގައި އޭނާއާ ގުޅުން ހުރި ރ. ކަނދޮޅުދޫ، ސޭޑިސައިޑް އެޑްރެހުގައި ހަތް މީހަކު ލިސްޓުގައި އޮތް ކަމަށާއި އެކަމަކު އޭގެ ތެރެއިން ފްލެޓް ލިބުނީ ތިން މީހަކަށް ކަމަށެވެ. އަދި އަނެއް ހަތަރު ފަރާތަކީ ޕޮއިންޓް ހަމަވާން ޖެހޭ ވަރަށް ނުލިބިވާ ހަތަރު ފަރާތް ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްމާއިލް އަހުމަދު ވިދާޅުވި ގޮތުގައި ފްލެޓު ލިބުނު ފަރާތްތަކަކީ އާއިލާއެއް ގޮވައިގެން މާލޭގައި 15 އަހަރު ދިރިއުޅެފައިވާ މީހުންނެވެ. އަދި ފްލެޓަށް އެ މީހުން ޝަރުތު ހަމަވާނެކަން، ހަގީގަތް ދަންނަ އެންމެން ވެސް ހެކިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”ވަކި ރަށަކަށް އަދި ވަކި އާއިލާއަކަށް ނިސްބަތްވުމަކީ ސަރުކާރުން ހިންގާ މި ފަދަ ޕްރޮގްރާމްތަކުން މަހުރޫމްވާން ޖެހޭ ކަމަކަށް ނުދެކެން. އެގޮތުން އެމީހަކަށް މުހިންމު އަދި އެކަމެއްގެ ޝަރުތުތައް ފުރިހަމަވާ ކަމަށް ލަފާ ކުރެވޭ މިކަހަލަ ކޮންމެ ކަމެއްގައި ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވުމުގެ ހައްގު އޮންނަން ވާނެ ކަމަށް ދެކެން.“ އިސްމާއީލް ފޭސްބުކްގައި ވިދާޅުވިއެވެ.
އޭނާ ވަނީ މިފަދަ ކަންކަމުގައި، ފިތުނަ ހައްދަން އެކި ވާހަކަ ދެއްކުމަކުން ދެން ކުރާނެ ކަމެއް ނެތް ކަމަށެވެ.
ފްލެޓް ލިބުނު ބޭފުޅުންގެ ތެރޭގައި، މި މަޝްރޫއު ކުރިއަށް ގެންދާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސަލަފިއްޔާ އަންވަރު ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އޭނާ ވެސް ވިދާޅުވީ ފްލެޓް ލިބިވަޑައިގެންނެވީ އެ ކަމަށް ޝަރުތު ހަމަވާތީ ކަމަށެވެ.
