ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚްތުންނަށް އެހީވާން ފަންޑް އެއްކުރުމުގެ ގޮތުން އަންނަ ހުކުރު ދުވަހު މާލޭގައި ވަރަށް ޚާއްޞަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

”ފަލަސްތީނަށްޓަކައި“ މި ނަމުގައި ބާއްވާ ހަރަކާތް ރާވައިފައި ވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިންނެވެ. އިވެންޓް ބާއްވަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ރަސްފަންނުގައެވެ.

މި އިވެންޓްގައި ފުޑް ސްޓޯލްތަކާއި ކުޑަކުދިންގެ ގޭމްތަކާއި ކުއިޒްތަކާއި ޖަމްބްލް ސޭލާއި ޓްރެޝާ ހަންޓާ އާއި މިއުޒިމާއި ފޮޓޯ ބޫތު ފަދަ ކަންކަން ކުރިއަށް ދާނެއެވެ.

އައިއޭސީގެ ”ޣައްޒާ އިމަޖެންސީ ރިލީފް“ ފަންޑަށް މިހައިތަނަށް ވަނީ 28 މިލިއަން ރުފިޔާ ލިބިފައެވެ. ޔަހޫދީން ފަލަސްޠީނަށް ދެމުން އަންނަ ހަމަލާތަކުގައި މިހައިތަނަށް 10،000 މީހުން ޝަހީދުކޮށްލައިފައިވެއެވެ.