ޤައުމީ މަސް ކުންފުނިން މިފްކޯއިން މަސް ގަންނަ އަގު ރިވިއު ކުރުމަށް ސީދާ މަޝްވަރާ ކުރަމުން ނުދާ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯ އިން މިގޮތަށް ބުނީ، އެ ކުންފުނިން މަހުގެ އަގު ރިވިއު ކުރުމަށް ފިނޭންސް މިނިސްޓްރިއާއި މަޝްވަރާ ކުރަމުންދާ ކަމަށް ބުނާ ވާހަކައާއި ގުޅިގެން މަސްވެރިން ކަންބޮޑުވުން ފާޅު ކުރުމުންނެވެ.

މިފްކޯއިން ވަނީ މަހު އަގު ކުޑަ ކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަން ހާމަކޮށް ނޫސްބަޔާނެއް ނެރެފައެވެ.

އެ ނޫސްބަޔާނުގައި ބުނީ، ސަރުކާރުން މަސް ގަންނަ އަގު 17ރ. އިން 25ރ. އަށް ބަދަލު ކުރީ، އީޔޫ މާކެޓަށް ވިއްކާ މަހުން ނަގަމުން އަންނަ 22 އިންސައްތަ ޑިއުޓީ ކަނޑާލުމަށް މަޝްވަރާތައް ޕޮޒިޓިވްކޮށް ކުރިއަށް ގެންދެވިފައިވާތީ ކަމަށެވެ.

އެދުވަހުން ފެށިގެން ސަރުކާރުން ނިންމާފައިވާ އަގުގައި މަސް ގަންނަމުންދާކަން މިފްކޯއިން ފާހަގަ ކުރެއެވެ. އަދި މި އަގު ކުޑަ ކުރުމަށް އެއްވެސް ވިސްނުމެއް ނެތް ކަމަށް ބަޔާނުގައި ބުންޏެވެ.

އަދި މަހުގެ އަގު ރިވިއު ކުރުމަށް، ފިނޭންސް މިނިސްޓްރީއާއި ސަރުކާރުގެ އެއްވެސް އިދާރާއަކާއިއެކު، މިފްކޯއިން ސީދާ މަޝްވަރާއެއް ކުރަމުން ނުދާ ކަމަށް ވެސް ބުންޏެވެ.