އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ވެލާނާ އެއާޕޯޓުގެ ބިޔަ މަޝްރޫޢު ނިންމައިލުމަށް، އަބޫދާބީ ފަންޑުން 1.2 ބިލިއަން ރުފިޔާ ހަމަޖެހޭނެކަމުގެ ޔަޤީންކަން ހޯއްދަވާފައިވާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

މިއަދު އިންތިޚާބީ ރައީީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވަނީ، އިންތިޚާބީ ރައީސް ޑރ.މުޢިއްޒުގެ ދަތުރުފުޅުގައި، އަބޫދާބީ ފަންޑުގެ އިސްވެރިންނާއި، އަދި ޔޫއޭއީ ސަރުކާރުގެ ބައެއް އިސްވެރިންނާއި ބައްދަލު ކުރައްވާ މަޝްވަރާތަކެއް ކުރެވުނުކަން ފާހަގަކުރައްވައިފައެވެ.

މިގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ވެލާނާ އެއާޕޯޓު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ދިޔަކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މިމަޝްރޫޢުއަށް ލަސްވެ މި ސަރުކާރުން ގެނައި ބައެއް ބަދަލުތަކާއި އެކު މަޝްރޫޢު ނިންމަން 79.80 މިލިއަން ޑޮލަރު އިތުރަށް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ވަޢުދުފުޅުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދަކީ އިޤްތިޞާދު ކޮޅަށް ޖެހުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިންމުންކަން ފާހަަގަކުރައްވައި ފިރުޒުލް ވަނީ މިކަމަށް މިހާރު ޔޫއޭއީ ސަރުކާރުން، އަބޫދާބީ ފަންޑުން ފައިސާ ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

“ އެ އެދިވަޑައިގަތުމަށް އިޖާބަ ދެއްވާ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް އިން 80 މިލިއަން ޑޮލަރު، އެހެން ގޮތަކަށް ދަންނަވާނަމަ 1.2 ބިލިއަން ރުފިޔާ ހަމަޖައްސަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައި. މިފައިސާ ހަމަޖެހިގެން ދިއުމާއެކު އެއާޕޯޓް މަޝްރޫޢު ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިގެން ދިޔައީ“ ފިރުޒުލް ވިދާޅުވިއެވެ.

މުޢިއްޒު ވަނީ މި އަންނަ އަހަރު ޕީކް ސީޒަން އަންނަންވާއިރު، ވީއައިއޭ މުޅިން ނިންމަން ގަސްތުކުރައްވާ ކަަމަށް ވިދާޅުވެފައެވެ.