ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.
މި ޖަލްސާ އޮންނާނީ އާދިއްތަ ދުވަހު، ހެނދުނު 9:00ގައެވެ.
ނަޝީދުގެ މައްސަލަ އެޖެންޑާ ކޮށްފައި މިވަނީ، މައްސަލަ އެޖެންޑާ ނުކުރީ ޤާނޫނާއި ޚިލާފަށް ކަމަށް މިއަދު ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައި ވަނިކޮށެވެ. މި ޙުކުމް އިއްވީ ނަޝިީދުގެ މައްސަލަ އެޖެންޑާ ނުކުރަން، އެމަނިކުފާނުގެ ކޮއްކޮ، އަދި މަޖިލީހުގެ ނައިބު ރައީސާ އީވާ ސަލާމް ވިދާޅުވަމުން ގެންދަވާތާ ގިނަ ދުވަސް ވުމުން، އެމްޑީޕީން މި މައްސަލަ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ވެއްދުމުންނެވެ.
ސުޕްރީމް ކޯޓުގެ ޙުކުމްގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ އިދާރާ އިން ކުރިއަށް ގެންގޮސްފައި ނުވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ.
މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޤަރާރު ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ނައިބު ރައީސް އުޒުރުވެރިވާ ހާލަތުގައި މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާ އިން މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މެމްބަރުންގެ ތަރުތީބުން މަޖިލީހުގެ ރައީސްގެ ގަރާރުގެ މައްސަލަ ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާ ކުރިއަށް ގެންދަންޖެހޭނެ ކަމަށްވެސް ޙުކުމުގައި ބުނެފައިވެއެވެ.
މީގެއިތުރުން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް އެޖެންޑާ ކުރެވޭ މައްސަލައިގެ ޤަރާރު ހުށަހަޅާ ބަހުސްކޮށް ގޮތެއް ނިންމަން ތާވަލުކުރެވޭ އެއްވެސް ޖަލްސާއެއް ލަސްކުރަންޖެހޭ ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް ޤާނޫނު އަސާސީންނާއި ޤާނޫނުން އަދި މަޖިލީހުގެ ގަވާއިދުގެ ދަށުން ލާޒިމުކުރާ އެހެނިހެން ކަންކަން ކުރަން ރައްޔިތުންގެ މަޖިލީހަށް އެއްވެސް ހުރަހެއް ނެތް ކަމަށްވެސް ޙުކުމުގައި ވަނީ ބުނެފައެވެ.
