އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދިވެހި ޤައުމުގެ ކަންކަން ބައްޓަން ކުރައްވާނީ، ދިވެހީންގެ ސިޔާދަތު ދިވެހީންގެ އަތުގައި އޮންނަ ގޮތަށް ކަމަށާއި، އެއީ ޔަޤީންވާ ކަމެއް ކަމުގައި ޕީޕީއެމްގެ ނައިބު ރައީީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޣައްސާނަކީ އައު ސަރުކާރުގެ ދިފާޢީ ވަޒީރެވެ. ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ އިންތިޚާބީ ރައީސްގެ ތަސައްވުރު ދިވެހީންނަށް ވަރަށް ސާފުކޮށް ވިދާޅުވެދެއްވައިފައިވާ ކަމަށާއި، އެމަނިކުފާނަކީ ”ޕްރޯ މޯލްޑިވްސް“ ބޭފުޅެއް ކަމަށެވެ.
”އެމަނިކުފާނަކީ ވަރަށް ވަޠަނީ، ވަރަށް ޤައުމީ ބޭފުޅެއް. އެމަނިކުފާނު ބޭނުންފުޅުވަނީ ދިވެހީން އަމިއްލަ ފައިމައްޗަށް ތެދުވެ، ދިވެހި ސިޔާދަތު ހިމާޔަތް ކުރަން.“ޣައްސާާން ވިދާޅުވިއެވެ.
ޣައްސާން ވަނީ އިންތިޚާބީ ރައީސް އެ ވިދާޅުވި ގޮތަށް، އެކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. ސަރުކާރު ބަދަލުވުމުގެ މަރުޙަލާގެ ތެރެއިން ބައެއް މަޢުލޫމާތު ލިބިފައިވާކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ، ޑރ.މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގަތުމުން ލިބިގެންދާނެ އިތުރު މަޢުލޫމާތުތައް ހުންނާނެ ކަމަށެވެ.
”އެހެންކަމުން، މިހާރު އެހެން ސީދާ މިހެން އެހެން ކުރައްވާނެ ވަކި ކަމެއް، އަޅުގަނޑަކަށް ހިޔެއް ނުވޭ، އިންތިޚާބީ ރައީީސްގެ އޮފީހުން ވެސް ހާމަ ކުރައްވައިފައި އޮތްހެނެއް.“ ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
ހުރިހައި މަޢުލޫމާތެއް ނުލިބުނު ކަމުގައި ވިޔަސް، އެކި ޙާލަތްތަކުގައި ޢަމަލު ކުރައްވަވާނެ ގޮތްތައް، އިންތިޚާބީ ރައީީސް މިހާރު ވެސް ރާއްވަވަމުން ގެންދަވާކަން ވެސް ޣައްސާންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
