އަމާންކަމާއި އޮމާންކަމާއެކު ވެރިކަން ބަދަލުވީ މިފަހަރު އެކަނި ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ދެއްކެވި ވާހަކަފުޅަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ރައްދު ދެއްވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ރައީސް ވިދާޅުވީ އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހާލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރުކަމަށެވެ.

އެ ވާހަކައާ ގުޅިގެން ރައީސް މައުމޫން އެކްސްގައި ވިދާޅުވީ، އެއީ ހަމައެކަނި މިފަހަރު ހިނގި ކަމެއް ނޫންކަމަށާއި، 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކު ކަމަށެވެ.

ޚިތާބުގައި ރައީސް ޞާލިޙު ވިދާޅުވީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު ކަމަށާއި، މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން ކަމަށެވެ.

ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުތަކާއި، ވެރިކަން ބަދަލުވެގެންދިޔުން މިގޮތުގައި ހިނގަމުންދާތަން ދިވެހިރައްޔިތުން ދެކޭހިތްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ޤައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވިއެވެ.