އެމަނިކުފާނުގެ ސަރުކާރުގެ މަތި ފަޑީގައި ތިއްބަވާނީ، އެމަނިކުފާނަށް އެބޭފުޅުންގެ މައްޗަށް ފަހު ބަސް ވިދާޅުވެވޭނެ ބޭފުޅުން ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޓީވީއެމްގެ ”ދިވެހީންގެރާއްޖެ“ ޕްރޮގްރާމަށް ދެއްވައިފައިވާ ޚާއްޞަ ބަސްދީގަތުމުގައެވެ. މުޢިއްޒު ވިދާޅުވީ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނަކީ ސަރުކާރުގެ މަތިފަޑި ކަމަށާއި، އެބޭފުޅުންނަށް ފަހު ބަސް ވިދާޅުވާނީ އެމަނިކުފާނު ކަމަށެވެ.
”އަޅުގަނޑު ބަހެއް ބުނީމާ، ކަމެއް ކުރަން ވަކި ގޮތަކަށް ދެންނެވީމާ، އެބޭފުޅަކު އެހެން ބޭފުޅެއްގެ އެޕްރޫވަލް ހޯދަންޖެހޭނެ ބޭފުޅަކު އަޅުގަނޑު ނުލާނަން. އަޅުގަނޑު ރައްޔިތުންނަށްޓަކައި ވީ ވަޢުދުތައް، ރަނުން ރަނަށް، ފުރިހަމަ ކޮމިޓްމަންޓާއިއެކީގައި، ރެއާއި ދުވާލު ނުނިދާހުރެ މަސައްކަތް ކުރަން ޖެހުނަސް ކުރެވޭވަރުގެ ބޭފުޅުންނޭ އަޅުގަނޑު ލާނީ.“ މުޢިއްޒު ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ވަނީ އެމަނިކުފާނު ނަންގަވާނެ ޓީމަކީ، ރައްޔިތުންގެ އުއްމީދާއި އެއްގޮތަށް މަސައްކަތް ކުރާނެ ޓީމަކަށް ވެގެންދާނެ ކަމުގެ ޔަޤީންކަން އަރުވައިފައެވެ.
އެމަނިކުފާނު ވިދާޅުވީ، ބައިބައިވުމާއި، ދެކޮޅުވެރިކަމާއި ބަދަލު ހިފުމުގެ ރޫޙުގައި ކުރިއަށް ދާން އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށާއި، ބޭނުންފުޅުވެލައްވަނީ ދިވެހި ޤައުމުގައި ހަމަޖެހުން ޤާއިމުވެގެން ދިޔުމަށް ކަމަށެވެ.
”އެހެންވީމަ، މި ހުރިހައި ކަމެއް ހާސިލުވާ ގޮތަށް، އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ޓީމް އެކުލަވައިލަން.“ ދިވެހި ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި މުޢިއްޒި ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް މުޢިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ލަފާ ކުރެއްވޭ ބޭފުޅުންގެ ލިސްޓެއް މީޑިއާތަކަށް ނުކުމެފައިވާއިރު، އެ ލިސްޓުގައި ތަޢުލީމީ، ޤާބިލު ބޭފުޅުން ނުހަނު ގިނައެވެ. އެގޮތުން މުޢިއްޒުގެ ކެބިނެޓުގައި 10 ޕީއެޗްޑީ ހޯލްޑަރުން ހިމެނިވަޑައިގަންނަވައެވެ. ޓީވީއެމްގައި ދެއްކެވި ވާހަކައިގައި އެމަނިކުފާނު ވަނީ ނުކުމެގެން އުޅޭ ލިސްޓުގެ 90 އިންސައްތަ ރަނގަޅު ކަމަށް ވިދާޅުވެފައެވެ.
