ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދު ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމަށް އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރި ނަމަވެސް އެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު މަޖިލިސް ގަވައިދާ ހިލާފު ކަމަށް ބުނެ ވަނީ މަޖިލީހުން ބޭރުކޮށް ޖަލްސާ ކުރިއަށް ނުގެންގޮސް ނިންމާލާފައެވެ.

އަދި އޭގެފަހުން މަޖިލީހުގެ ނައިބު ރައީސް އީވާ ރިޔާސަތަށް ވަޑައިގެން މިއަދު ފަހުން ބޭއްވި ޖަލްސާގައި ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ބޭރުވެފައިވާ ކަމަށާއި ދެން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އިއުލާންކޮށްފައެވެ.

މި މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު މި މައްސަލައިގައި ބަންޑާރަ ނައިބުގެ ލަފައެއް ހޯދަން އާންމު ކޮމިޓީއަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެވެ. މި ހުށަހެޅުން ފާސްވީ ހަތް މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވެއްދީ 49 މެމްބަރުންގެ ސޮޔާއެކުއެވެ.