ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެ ދުށް ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުތައް ހިންގައިފައި ވަނީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި، ހަތަރު ދުވަސް ފަހުން ފެށޭ ޑރ.މުޢިއްޒުގެ ވެރިކަމުގައި ގެންގުޅުއްވާނެ ސިޔާސަތުތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޕީޕީއެމްގެ އެއް ނައިބު ރައީސް، މޫސާ ޒަމީރު ވިދާޅުވީ މުޢިއްޒު އަކީ ވަރަށް ތަޢުލީމީ، ޤާބިލު ބޭފުޅެއް ކަމަށާއި، ފަހުގެ ތާރީޚުގައި ހިންގި ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައި ވަނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

”އެހެންވީމަ، އެގޮތުން ޓޫރިޒަމް މިނިސްޓްރީއަށް ވެސް ހަމަ ފައިދާ ލިބިގެންދާނެކަން އަޅުގަނޑު ވަރަށް ޔަޤީން ކުރަން.“ ޒަމީރު ވިދާޅުވިއެވެ.

ޒަމީރު މިހެން ވިދާޅުވިއިރު، ރައީސް ޔާމީން ޢަބްދުޤައްޔޫމްގެ ވެރިކަމުގައި ހިންގެވި ހިޔާ މަޝްރޫޢުއާއި ސިނަމާލެ ބްރިޖާއި، ކިންގް ސަލްމާން މިސްކިތް ފަދަ މަޝްރޫޢުތައް ހިންގެވީ އޭރުގެ ހައުސިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި މުޢިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.