ިމިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ބަލި ހާލަތު ތަން ނުދޭތީ ހާޒިރު ނުވެވޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މަޖިލީހަށް އަންގަވައިފިއެވެ.
ނަމަވެސް މި ޖަލްސާއަށް ހާޒިރު ނުވެވޭނެ ކަމަށް ރޭގެ ވަގުތެއްގައި މިނިސްޓަރު އަމީރު ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ހާމަކޮށްފައެވެ. އަމީރު ޖަލްސާއަށް ހާޒިރު ނުވެވެނީ ބަލި ހާލަތު ތަން ނުދޭތީ ކަމަށް ހާޒިރު ނުވެވޭ ސަބަބު ބަޔާންކޮށް ސިޓީގައި ވެއެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އީވާ ވިދާޅުވީ، ފިނޭންސް މިނިސްޓަރު، ޖަލްސާއަޒް ހާޒިރުވެވަޑައިނުގެންނެވުމުގެ އިތުރަށް މަޖިލީހުގެ ކޯރަމް ހަމަނުވާތީ ޖަލްސާ މެދުކަނޑައިލައްވާނެ ކަމަށެވެ. ނަމަވެސް ކޯރަމް ހަމަވޭތޯ ބައްލަވައި، މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ވީ ވަރަކުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް، ޖަލްސާ މެދުކަނޑައިލުމުގެ ކުރިން އީވާ ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވެގެން މެދުކަނޑައިލިއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް އީވާ އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ނޫން އެހެން ބޭފުޅަކާއި ހަވާލުކޮށްދިނުމަށް އެމްޑީޕީން ވަނީ އެދިފައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މަޖިލީހުގެ އަމީން އާންމަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އީވާ އަދި މެމްބަރު އަފީފް ރިޔާސަތު އިއްޔެ ބެލެހެއްޓެވި ޖަލްސާގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ނިންމާލީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށާއި އެ ދެ ބޭފުޅުން ރިޔާސަތު ބަލަހައްޓަވާ ޖަލްސާއެއްގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ.
އެ ދެ ބޭފުޅުންގެ އަމިއްލަ ޒާތީ މަސްލަހަތު މި މައްސަލައިގައި އިސްކުރައްވާކަން ހާމަކަން ބޮޑު ގޮތެއްގައި ފެންނާތީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވުން އެ ދެ ބޭފުޅުން ނޫން އެހެން ބޭފުޅަކާ ހަވާލުކޮށްދެއްވުމަށް ވެސް އެ ސިޓީގައި ވަނީ އެދިފައެވެ.
