ޖުމްހޫރީ ދުވަހު، ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމުގައި، އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ދެއްވީ އުފާވެރި މެސެޖެކެވެ. އެމަނިކުފާނު ސަރުކާރެއް އެކުލަވައިލައްވަނީ ނިދަން ނޫން ކަމަށާއި، 24 ގަޑިއިރު މަސައްކަތް ކުރައްވަން ކަމަށް ވިދާޅުވިއެވެ.
މުޢިއްޒުއަށް ރައްޔިތުން ވޯޓު ދިނީ، ހަތް އަހަރު ހައުސިން މިނިސްޓަރުކަމުގަޔާއި، މާލޭގެ މޭޔަރު ކަމުގައި ހުންނަވައިގެން ވެސް ރައްޔިތުންނަށް ދެއްކެވި ހީވާގިކަމާއި، ޤާބިލު ކަމަށް އިތުބާރު ކޮށްފައިކަން ޔަޤީނެވެ. އެ އިތުބާރު ދަމަހައްޓަވައި، ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސަވާނެކަން މުޢިއްޒު މިހާރު ވެސް އެ ގެންދަވަނީ ހާމަކޮށްދެއްވަމުންނެވެ.
ރާއްޖޭގެ މައި ދޮރޯށި ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް، ދިވެހިރާއްޖޭގެ ތަރައްޤީގެ ބާނީ ކަމުގައި ގިނަ ބަޔަކު ޤަބޫލުކުރާ ރައީސް ޔާމީން ފެއްޓެވި ބިޔަ މަޝްރޫޢު އަވަސްކޮށް ނިންމުމުގެ މުހިންމުކަމާއިއެކު، އިންތިޚާބީ ރައީސް އިއްޔެ ވަނީ ވީއައިއޭއަށް ޒިޔާރަތް ކުރައްވައި، އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި، މަޝްރޫޢުގެ ކަންކަން ކުރިއަށްދާ ގޮތް ބައްލަވައިފައެވެ.
ވީއައިއޭ ނިންމުމަށް ބޭނުންވާ 80 މިލިއަން ރުފިޔާ ވެސް އިންތިޚާބީ ރައީސް އެވަނީ މަޤާމުގެ ހުވާ ވެސް ނުކުރައްވަނީސް ހަމަޖައްސަވައިފައެވެ. އެމަނިކުފާނުގެ އެދިލެއްވުމަށް، ޔޫއޭއީ ސަރުކާރުން އަބޫދާބީ ފަންޑުން މި ފައިސާ ހަމަޖައްސަވައި ދެއްވީ، އެމަނިކުފާނު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ސަރުކާރުން އެކަމުގެ ކްރެޑިޓް ނަގަން މަސައްކަތް ކުރިއިރު، މުޢިއްޒު ވަނީ އެކަން އިއްޔެ ސާފުކޮށްދެއްވައިފައެވެ.
އޭގެ ކުރީގައި އެއްވެސް ކަމެއް ނިމިފައި އޮތް ކަމެއް ނޫން. އަޅުގަނޑު އެ ބޭފުޅުންގެ ހުއްދަ ހޯދައިގެން މާލެ އައިސްފައި އިއުލާނު ކުރީ ވެސް.
ވީއައިއޭ މަޝްރޫޢުގެ ދަށުން މިހާރު ހަވާލު ކުރެވިފައި ހުރި މަސައްކަތްތަކުގެ ތެރެއިން ނިމުނީ %54 މަސައްކަތެވެ.
ބޭނުންވަނީ މަސައްކަތް އަވަސްކޮށް، މިހާރު ހަވާލު ކުރެވިފައިވާ މަސައްކަތްތައް އަންނަ އަހަރުގެ އޮކްޓޯބަރުހަމަށް ނިންމަންކަމުގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ސަރުކާރެއްގައި ވީއައިއޭ ޓާމިނަލްގެ މަސައްކަތް ވެގެންދާނީ އެންމެ އިސްކަން ދޭނެ މަޝްރޫއަށް ކަމަށާއި، އެއީ ރާއްޖޭގެ އިގްތިސާދު މިއަދު އޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމަށް ބަލާއިރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އިގްތިސާދުގެ މައި ދޮރާށި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫއު އަވަސްކޮށް ނިންމުން އެއީ އަޅުގަނޑުމެން ސަރުކާރުގައި އެންމެ އިސްކަން ދޭނެ އިގްތިސާދީ މަސައްކަތަކަށް ވާނީ. އެހެންވެ، ބަލާލަން މި ތަނަށް މިއައީ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ 2024 ގެ އޮކްޓޯބަރު މަހަށްދާ އިރު، އެ މަސައްކަތް ނިންމުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރުން ޑރ މުއިއްޒު ވިދާޅުވީ މިހާރު މަޝްރޫއުގެ ސްކޯޕް އޮތް ގޮތުން މި މަޝްރޫއު 2025 ވަނަ އަހަރާއި ހަމައަށް ދިގުދެމިގެންދާނެކަމަށެވެ.
ނަމަވެސް އެމަނިކުފާނުގެ އުއްމީދަކީ އަންނަ އަހަރުގެ އޮކްޓޯބަރ މަހަށް މަޝްރޫއު ނިންމާލެއްވުންކަން ޑރ.މުއިއްޒު ފާހަގަކުރެއްވިއެވެ.
އިންތިޚާބީ ރައީސް ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު، ޖުމްހޫރީ މައިދާނުގައެވެ. އެމަނިކުފާނަކީ ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސްއެވެ.