އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދިވެހި ނޫޫސްވެރިންގެ އަގު ވަޒަން ކުރައްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި، ރޭ މުޢިއްޒު ވަނީ ނޫސްވެރިންނާއި ބައްދަލު ކުރައްވަވައިފައެވެ. މިއީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން، އެމަނިކުފާނު ބާއްވަވާ މިފަދަ އެންމެ ފުރަތަމަ ބައްދަލުވުމެވެ.

މި ބައްދަލުކުރެއްވުމުގައި އިންތިޚާބީ ނައިބު ރައީސް ވިދާޅުވީ، މުޢިއްޒު އަކީ މާލެ ސިޓީގެ މޭޔަރުގެ ގޮތުގައި ހުންނެވިއިރު ވެސް މީޑިއާތަކާއި ވަރަށް ގާާތް ގުޅުމެއް ބާއްވަވަވައި، ދެ ފުށް ފެންނަ ސިޔާސަތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، އެކަން ތަންފީޒު ވެސް ކުރެއްވި ބޭފުޅެއް ކަމަށެވެ.

”ހަމަ އެ ސިޔާސަތުތައް ދެމެހެއްޓުމަށްޓަކައި އެމަނިކުފާނު ވަނީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް، ވަޢުދުތަކެއް ވެވަޑައިގެންފަ. ޚާއްޞަ ގޮތެއްގައި ނޫސްވެރިންނަށް. ނޫސްވެރިންނަށް ދެ ފުށް ފެންނަ ސިޔާސަތުތަކެއް އެމަނިކުފާނު ޤާއިމު ކުރައްވާނެ ކަމުގެ ހެކި، އަޅުގަނޑަށް މިރޭ މި ފެންނަނީ.“ އެމަނިކުފާނު ވިދާޅުވިއެވެ.

ވެރިކަން ބަދަލު ކުރުމުގެ މަރުޙަލާގައި ވަރަށް ބުރަކޮށް އުޅުއްވަމުން ވެސް އެމަނިކުފާނު ނޫސްވެރިންނަށް ވަގުތު ދެއްވައިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ހަމަ ޔަޤީނުން ވެސް އަޅުގަނޑުމެންގެ އިންތިޚާބީ ރައީސް ތިޔަ ބޭފުޅުންގެ އަގު ވަޒަން ކުރައްވާނެ. ތިޔަ ބޭފުޅުންގެ އަގަކީ، ތިޔަ ބޭފުޅުން(ނޫސްވެރިން) އެދޭ ގޮތަށް، ފިއްތުމެއް ނެތި، ދެ ފުށް ފެންނަ، އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް އެކަން ކުރައްވާނެކަމުގެ ޔަޤީންކަން“

އެމަނިކުފާނުގެ ވާހަކަފުޅުގައި ނޫސްވެރިން ޒިންމާދާރުކަމާއިއެކުގައި މަސައްކަތް ކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.