އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ނޫޫސްވެރިންނަށް ސްކޮލަރޝިޕް ދީ، ހިލޭ އެ ދާއިރާ އިން ތަޢުލީމު ހާސިލު ކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު ރޭ ވަނީ ރާއްޖޭގެ ހުރިހައި މީޑިއާތަކުގެ ވެރީންނާއި، މީޑިއާތަކުގައި މަސައްކަތް ކުރާ ނޫޫސްވެރިންނާއި ބައްދަލުކުރައްވައި، ނޫޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފައެވެ. ރޭގެ ގުންޒަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުގައި، މީޑިއާތަކަށް ފައިސާ ދޭނެ ވަކި އިންސައްތައެއް ހިމެނުމަށް ކޮމިޓީ މަރުހަލާގައި ހުށަހަޅުއްވާނެ ކަމަށާއި، އެކަމަށް އެމްޑީޕީގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ނޫސްވެރިންނަށް ދާއިރާއިން ކިޔެވުމަށް ހުންނަ ދަތިތަކަށް ޙައްލެއްގެ ގޮތުން، ސަރުކާރުގެ ޚަރަދުގައި ކޮންމެ އަހަރަކުވެސް ހިލޭ ނޫސްވެރިކަމުގެ ޢިލްމު އުނގެނުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
”އެހެންވީމަ، ފައިސާގެ ގޮތުން އެހީތެރިކަން ދެވޭނެ ގޮތް ހަމަޖެހި، ތަޢުލީމީ ގޮތުން ނޫޫސްވެރިކަމުގެ ދާއިރާއަށް ވަންނަން ފުރުޞަތު ފަހިކޮށްދިނުން، އެއީ ކޮށްދޭން އަޅުގަނޑުމެން ގަސްތުކުރާ ކަންތައްތައް.“ އަންނަ ހުކުރު ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ޙަވާލުވެވަޑައިގަންނަވާނެ އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
ތަންތަން ބޮޑު އަގުގައި ކުއްޔަށް ހިފައިގެން މީޑިއާތައް ހިންގަން ޖެހޭތީ ދިމާވާ ދަތިތައް، ރޭގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ނޫސްވެރިން ފާހަގަކުރިއެވެ. މި ކަމަށް އިޝާރާާތް ކުރައްވައި އިންތިޚާބީ ރައީސް ވަނީ މާލެ ސަރަހައްދުގައި މީޑިއާ ވިލެޖެއް ޤާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
