އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ހުރިހައި ވަޢުދުފުޅުތައް ހިމަނުއްވައިފައިވާ ފޮތެއް ނެރުއްވަން ނިންމަވައިފިއެވެ.

ރޭ ބޭއްވި ”ނޫސްވެރިންގެ ގުންޒަރު“ގައި މިކަން ހާމަކުރައްވައި އިންތިޚާބީ ރައީސް ވިދާޅުވީ އެ ފޮތުގައި އެމަނިކުފާނު ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ޓިކެޓުގައި ރިޔާސީ ރޭހުގައި ވާދަ ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވި ދުވަހުން ފެށިގެން، ރޭގެ ޖަލްސާއާއި ހަމައަށް ވެވަޑައިގެންނެވި ވަޢުދުފުޅުތަކާއި ދެއްކެވި ހުރިހައި ވާހަކަފުޅުތަކެއް ވެސް ހިމެނޭނެ ކަމަށެވެ.

މިއީ ރައްޔިތުންނަށް އެއްވެސް ކަމެއް ފޮރުވަން ބޭނުންފުޅުވެނުލައްވާތީ ކުރައްވާ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.

”އަޅުގަނޑު މައިކެއް ކައިރީގައި ހުރެގެން ދެއްކި ކޮންމެ ވާހަކައެއް، ކޮންމެ ޖުމްލައެއް، އެ ވާހަކައެއް ދެއްކީ އެ ކަމެއް ކުރަން ބޭނުންވާތީ.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނު އަބަދުވެސް ދައްކަވަމުން އައީ އެއް ވާހަކަފުޅެކެވެ. ތަފާތު ވާހަކަފުޅެއް ނުދައްކަވައެވެ. އެހެންވެ، އެ ވާހަކަފުޅުތައް ދިމާވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.

”އޭގައިވާ ކަންތައްތައް ޢަމަލީ ގޮތުން ކޮށްދިނުމަށް އަޅުގަނޑު މި ނުކުންނަނީ، ޓީމު މި އޮތީ ތައްޔާރުވެގެން، ނޫސްވެރިން ތި ތިއްބެވީ އަޅުގަނޑުމެން އެ ފޮތުގައި އޮތް ގޮތަށް ކަން ކުރޭތޯ ބައްލަވަން. ތި ބޭފުޅުން އަޅުގަނޑުމެންނާއި ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ކުރަން މި ނުކުންނަނީ.“

ވަޢުދުނާމާގެ އިތުރުން، އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ލަނޑުދަނޑިތައް ވެސް ހާމަކުރައްވަން ވަނީ ނިންމަވައިފައެވެ.

މި ވަޢުދު ފޮތާއި، 100 ދުވަހުގެ ޕްލޭން އިފްތިތާޙު ކުރުން އޮންނާނީ، ބުދަ ދުވަހުގެ ރޭގައެވެ. ތަނާއި ވަގުތު ފަހުން ހާމަ ކުރައްވާނެ ކަމަށް އިންތިޤާލީ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒު ވަނީ، އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ވަރަށް މުހިންމު ކަންތައްތަކެއް ހިމަނުއްވައިފައެވެ. އޭގެތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަށް ހިމަނުއްވައިފައިވާ ކަންކަމެވެ.