ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ދައުރުގައި ޔޫތު މިނިސްޓްރީއަށް 600 އަށްވުރެ ގިނަ މަޝްރޫޢު ކުރިއަށް ގެންދެވުނު ކަމަށާއި، މި ފަސް އަހަރުގެ ތެރޭގައި 750އަށްވުރެ ގިނަ ރަށަށް ވެސް ދަތުރު ކުރެއްވުނު ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ދައުރު މާދަމާ ނިމޭނެއެވެ. އެމަނިކުފާނު މިއަދު ވަނީ، ވަޒީރުންނާއިއެކުގައި އެންމެ ފަހު ރަސްމީ ބައްދަލުވުން ބާއްވަވައިފައެވެ.

މި ބައްދަލުވުމަށްފަހުގައި ރައީސް އޮފީހުން ނުކުމެވަޑައިގެން މަހުލޫފު ”އަދަދު“އަށް ވިދާޅުވީ، އޭނާ ގެއަށް ވަޑައިގަންނަވަނީ ހިތްހަމަޖެހިގެން ކަމަށާއި، އޭނާއަށް ޙަވާލު ކޮށްފައިވާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

”ދިވެހިރާއްޖޭގެ ކުޅިވަރަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނެވިއްޖެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، 600އަށްވުރެ ގިނަ ޕްރޮޖެކްޓް، ޔޫތު މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދެވުނު.“ މަހުލޫފު ވިދާޅުވިއެވެ.

މީގެ އިތުރުން މަހުލޫފު ވިދާޅުވީ އޭނާގެ ވަޒީރުކަމުގައި 600އަށްވުރެ ގިނަ ފަހަރު ރަށްރަށުގެ ކައުންސިލުތަކާއި ބައްދަލު ކުރެއްވުނު ކަމަށެވެ.

ވަޒީރުކަމުގައި 750 ރަށަށް ދަތުރު ކުރައްވައިފައިވާނެ ކަމަށް މަހުލޫފަށް ވިދާޅުވެވުނީ އޮޅިވަޑައިގެންނެވުމުން ކަމަށް ބެލެވެއެވެ. މީގެ ކުރިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، ފޮރިން މިނިސްޓަރު ޝާހިދަށް ވެސް ރާއްޖޭގައި މީހުން ދިރިއުޅެނީ ކިތައް ރަށުގައިކަން އޮޅިވަޑައިގެންފައިވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށް އޮވެއެވެ. ފަޅުރަށްތަކާއިއެކުގައި ވެސް މަހުލޫފު އެ ވިދާޅުވާ އަދަދު ހަމަވާން ކައިރިވެސް ނުކުރެއެވެ.