ފަލަސްޠީނުގެ ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލު ކަމުގައިވާ ”އަލް-ޝިފާ“އަށް އިޒްރޭލުގެ ސިފައިން ވަދެގަނެ، އެތަނުގައި ހިމާޔަތް ހޯދައިގެން ތިބި ފަލަސްޠީނުގެ ރައްޔިތުން ރަހީނު ކުރާ މައްސަލައިގައި، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ ޝިފާ ހޮސްޕިޓަލުގައި ހިމާޔަތް ހޯދައިގެން ތިބި ޣައްޒާގެ ރައްޔިތުންތަކެއް އިސްރާއީލު ސިފައިން ވަރަށް ލާއިންސާނީ ގޮތަކަށް ރަހީނުކޮށްގެން ގެންގޮސްފައިވާ ލަމަށާއި، ފަލަސްޠީނުގެ ރައްޔިތުން ވާނުވާ ނޭނގި މިގޮތަށް ނިޒާމުން ގެއްލުވާލުމަށް ހިންގާ ޖަރީމާތައް ހުއްޓުވަން ޖެހޭ ކަމަށެވެ.

ޤުދުސް ނިއުސް ނެޓްވަރކް އިން ރިޕޯޓްކުރާ ގޮތުގައި، އިސްރާއީލް ސިފައިން ވަނީ ޝިފާ ހޮސްޕިޓަލަށް ވަދެގަނެ، އެ ތަނުގައި ތިބި އެތައް ބަޔަކު ކަނުބަނދެ، އަންނައުނު ބާލައި، ގޮތްނޭނގޭ ތަންތަނަށް ގެންގޮސްފައެވެ.

ހަމާސް ޖަމާޢަތާއި އިސްރާއީލާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި ގެދޮރު ގެއްލުނު އެތައްހާސް ބަޔަކު ޝިފާ ހޮސްޕިޓަލުގައި ހިޔާވަހިކަން ހޯދައިގެން ތިބިއިރު، ޔަހޫދީ ސިފައިން އެތަނަށް ވަދެގަނެ، އެތަނުން ހަމާސް ޖަމާޢަތުގެ ހަތިޔާރު ހޯދައިފައިވާ ކަމަށް ވަނީ ބުނެފައެވެ. ހަމާސްއިން ވަނީ ވަގުތުން އެކަން ދޮގުކޮށް ބަޔާނެއް ނެރެފައެވެ.

ފަލަސްޠީނުގެ ފޮރިން މިނިސްޓްރީން ވެސް މިކަން ދޮގުކޮށް ބުނީ، ޝިފާ ހޮސްޕިޓަލަށް ހަތިޔާރު ވެއްދީ ޔަހޫދީން ކަމަށާއި، އެ މީހުން އެތަނަށް ވަދެގަނެގެން ކުރަމުންދާ ކަންކަން އެހެން ބަޔަކަށް ނާންގާ ކަމަށެވެ.

ޝިފާ ހޮސްޕިޓަލަށް ވަދެގަނެގެން އުޅޭ ޔަހޫދީން ވަނީ އެ ތަނުގައި މަސައްކަތް ކުރާ ދެ އިންޖިނިއަރުން ވެސް ހައްޔަރުކޮށްފައެވެ. ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޔަހޫދީން ހައްޔަރު ކުރީ އެ ހޮސްޕިޓަލުގެ ހަމައެކަނި އިލެކްޓްރިކް ޖަނަރޭޓަރ މެކޭނިކާއި، އޮކްސިޖަން ސްޓޭޝަންތަކަށް ޚާއްޞަ ހަމައެކަނި ޓެކްނީޝަން ކަމަށެވެ.