އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ އެންމެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި، އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް ބިނާ ކުރުމުގެ ޢަމަލީ މަސައްކަތް ފަށަން އަމާޒު ހިފައިފިއެވެ.
”ހަފްތާ 14″ގެ ނަމުގައި ރޭ އިފްތިތާޙު ކުރި މަގު ޗާޓުގައި، އައު ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭގައި ކުރަން އަމާޒު ހިފާނެ 161 ކަމެއް ވަނީ ހިމަނައިފައެވެ.
މި ވަޢުދުތައް އަށް ދާއިރާ އަކަށް ބަހައިލައިފައިވެއެވެ. ”ތަޢުލީމާއި ތަމްރީން“ގެ ބައިގައި ހިމަނައިފައިވާ މަސައްކަތްތަކުގެ ތެރެއިން، އެންމެ ފާހަގަކޮށްލެވެނީ އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަޝްރޫޢު ފަށަން އަމާޒު ހިފައިފައިވުމެވެ.
ރިޔާސީ ކެމްޕެއިނުގެ ތެރޭގައި، ރައީސް މުޢިއްޒު ވަނީ ނިމެމުންމިދާ ސަރުކާރުން އަރަބިއްޔާއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން ފާހަގަކުރައްވައި، އެ ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަ ޙައްލު ކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައެވެ.
އެމަނިކުފާނު ވަނީ އަރަބިއްޔާ ސްކޫލް ގާއިމުކުރަން އެކަށީގެންވާ ބިމެއް ކަނޑައަޅައި އެ ތަނުގައި ޒަމާނީ ސްކޫލެއް އަޅައިދީ ޒަމާނަށް ފެތޭ ގޮތަށް އެ ސްކޫލް ހުޅުވުމަށް ޓަކައި ކުރަން ޖެހޭ ހުރިހައި ކަމެއް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެ ތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ނުރައްކާތެރި ކަމެއް ކަމަށް ބެލެނިވެރިން ބުނަމުން ދަނިކޮށް އެ ކުދިން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމިއެވެ. ބެލެނިވެރިން އެކަމާ ދެކޮޅުވުމުން، އެ ސްކޫލްގެ އައު އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ހަމަޖެއްސިއެވެ. ނަމަވެސް އެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ތަޢުލީމާއި ތަމްރީނުގެ ދާއިރާ އިން، ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރަން ރާވައިފައިވާ އިތުރު ކަންކަމުގެ ތެރޭގައި ޖަމާލުއްދީން ސްކޫލްގެ ޖާގަ އިތުރު ކުރުމާއި، ކަނޑައަޅާ ރަށްރަށުގައި ދަނާލު ބިނާ ކުރުމުގެ މަޝްރޫޢުއެއްގެ ތާވަލު އެކުލަވައިލައި، އިޢުލާނުކޮށް ތަންފީޒު ކުރަން ފެށުމާއި، ޤައުމީ ފެންވަރުގެ ”ރިސާޗް ގްރާންޓް“ ފަންޑެއް ޤާއިމު ކުރުމާއި، ދިވެހި ޤައުމިއްޔަތު، ވަކި މާއްދާއެއްގެ ގޮތަށް ތަޢުލީމުގެ ޤައުމީ މަންހަޖުގައި ހިމެނުން ފަދަ މުހިންމު ކަންކަން ހިމެނެއެވެ.
