ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަކީ އަޖައިބެއް ފަދަ ބައެކެވެ. އެމީހުންނަށް ޔަހޫދީން ހުއްޓުމެއް ނެތި، ހަމަލާތައްދީ، މުޅި އުމުރު ދުވަހުގެ މަސައްކަތުން ބިނާކުރި ގެދޮރު ބިމާއި ހަމަ ކުރަމުންދާއިރު ވެސް، އެމީހުން ޝުކުރުވެރިކަމުގެ ބަހެއް ނޫނީ ނުބެނެއެވެ. ޣައްޒާގެ ރައްޔިތުންގެ މި ހިތްވަރާއި، އީމާންތެރިކަން ފެނި، ހައިރާންވެ އަންތަރީސް ވަނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. މި ވާހަކަ ޣައިރު މުސްލިމުން ވެސް ދަނީ ދައްކަމުންނެވެ.
ޓިކްޓޮކްގައި މި ވާހަކަ ހިއްސާކުރި އެބީ ބުނީ، އޭނާ ޤުރުއާން ކިޔަވައިލަން ހިތް ޖެހުނީ ފަލަސްޠީނުގެ ރައްޔިތުންގެ އީމާންތެރިކަން ފެނިގެން ކަމަށެވެ. ޤުރުއާން މާނައާއިއެކުގައި ކިޔަން ފެށުމުން، އެބީ ބުނީ އޭނާގެ ހިތުގައި އުފެދިފައި ހުރި އެތައް ސުވާލެއްގެ ޖަވާބު ލިބުނު ކަމަށެވެ.
އޭނާ ބުނީ ފަލަސްޠީނުގެ ރައްޔިތުން މަރު ދެކެ ބިރު ނުގަނެ، ކެތްތެރި ވަނީ، މި ދުނިޔެ ނޫން ތަނެއް އޮތްކަމަށާއި، ދުނިޔޭގައި ހިނގާ ކަންކަމަށް އާޚިރަތް ދުވަހުން އިންޞާފު ލިބޭނެ ކަމަށް ޤަބޫލު ކުރާތީ ކަމަށެވެ.
ޤުރުއާނުގެ މާނަ ކިޔަމުން ގޮސް، އެބީ މިހާރު ވަނީ ޝަހާދަތުގެ ދެ ކަލިމަ ކިޔައި، އިސްލާމްދީން ވެސް ޤަބޫލުކޮށްފައެވެ. އޭނާ ބުނީ މުސްލިމަކަށް ވުމުން ދުވަހަކު ވެސް އިޙްސާސް ނުކުރެވޭ މިންވަރަށް ހަމަޖެހުން ލިބިއްޖެ ކަމަށާއި، ދިރިހުރުގެ މަޤްޞަދެއް އޮތް ކަމަށް ޤަބޫލު ކުރެވިއްޖެ ކަމަށެވެ.
ި