ނިމެމުން މިދާ ރިޔާސީ ދައުރުގައި، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
މި އިންތިޚާބުގައި ވާދަ ކުރެވޭނީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނަށެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަޤާމް ހުސްވެފައިވަނީ އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް ހޯމަދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވުމާއި ގުޅިގެންނެވެ.
އަސްލަމް މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތީ، މަޖިލީހުގެ ރައީސްކަން ކުރެއްވި މުޙައްމަދު ނަޝީދު އެ މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
އެމްޑީޕީގެ އައު ޕީޖީ ލީޑަރު ހޮވާ މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހުއެވެ.
އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 18 ވާ ހޮނިހިރު ދުވަހުގެ 18:00ގެ ނިޔަލަށެވެ.
