ޑރ.މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޤާނޫނީ ހުވައި ކުރެއްވުން މިއަދު ހަވީރު އޮންނާނެއެވެ.

އިންތިޚާބީ ރައީސް މުޢިއްޒުއާއި،  ޙުސައިން މުޙައްމަދު ލަޠީފް، މަޤާމުގެ ޤާނޫނީ ހުވައި ކުރައްވާނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި ކުރެއްވުމަށްފަހު ތަޤުރީރު ކުރައްވާނެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ‏30 ‏ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ.މުއިއްޒަށް 129،159 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. މިއީ ވޯޓުލީ މީހުންގެ %54.04 އެވެ.

އިންތިޚާބުގައި ދެން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. މިއީ ވޯޓުލީ މީހުންގެ %45.96އެވެ.

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު 282804 މީހަކަށް ލިބުނެވެ. މީގެތެރެއިން ވޯޓުލާފައިވަނީ 246915 މީހުންނެވެ. މިއީ އިންސައްތައަށް ބަލާއިރު %87.31 އެވެ.