އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު މިރޭ ބާއްވާ ގޮތަށް ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނީ ޑރ. މުޢިއްޒު އެކުލަވައިލައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަޤާމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިރޭ 7:45 ގައި އޮންނާނެ ކަމަށެވެ.
މުޢިއްޒުގެ ކެބިނެޓްގައި 22 ބޭފުޅުން ތިއްބަވާނެއެވެ. އަދި ރައީސް އޮފީހަށް ނުވަ މިނިސްޓަރަކު ޢައްޔަނު ކުރައްވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މުޢިއްޒުގެ ސަރުކާރުގައި 700 ސިޔާސީ މަޤާމު އުފައްދަވާނެއެވެ.
އިންތިޤާލީ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ އެ އަދަދު ކަނޑައަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައިސުލްޖުމްހޫރިއްޔާގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅާއި މި އިދާރާތަކުގައި މަސައްކަތްކުރައްވާ އިދާރީ މުވައްޒަފުން ހިމެނޭހެން އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަޤާމްތަކުގައި ތިއްބަވާނެ މީހުން ހިމެނޭގޮތައް ކަމަށެވެ.
