ރާއްޖޭގެ އިޤުތިޞާދު މިވަނީ، ކުއްލި އަވަސް ފަރުވާޔަށް ބޭނުންވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައި ކުރައްވައި ފުރަތަމަ ކުރެއްވި ތަޤުރީރުގައެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް އާމްދަނީ ލިބޭނެ އަވަސް މަގުތައް ހޯދުން ކޮންމެހެން ލާޒިމުވެފައި ކަމަށާއި، އެކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢު ނިންމައި، ޒަމާނީ އާ ޓަރމިނަލް ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ.
”އޭގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ބޮޑު ތިޔާގިކަމެއް އަންނާނެ. މިހާރު ރާއްޖެ އަންނަ ފަތުރުވެރީންގެ އެތައް ގުނައެއް އިތުރަށް، ފަތުރުވެރީން ރާއްޖެ އަންނާނެ. މީގެ އިތުރަށް، ޚަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދުކުރާނަން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދުގެ އެންމެ އުސް އެއް ތަނބަކީ ފަތުރުވެރިކަން ކަމަށާއި، ދިވެހި ބިމުގެ ރަން ފަރުބަދަތަކާއި، ޖަވާހިރުތަކާއި ރީތި ހިމުން ދޮންވެލީގެ ތުނޑިތައް. ކަމަށެވެ.
”ހިތްގައިމު މޫދުތައް. އަޅުގަނޑުމެންގެ ފަތުރުވެރިކަން ބިނާވެފައި ވަނީ، މި ވަސީލަތްތަކުގެ މައްޗަށް. ފަރުދީ ފެންވަރުގައްޔާއި، އާއިލީ ފެންވަރުގައްޔާއި އަދި ޤައުމީ ފެންވަރުގައި ފަތުރުވެރިކަމުގެ ނަފާ، ދިވެހި ޤައުމަށް ލިބެނީ ވަރަށްވެސް ތަނަވަސް ގޮތެއްގައި.“
އެހެންކަމުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި، އެ ދާއިރާގެ މަސައްކަތްތައް އިތުރަށް ފުޅާކުރައްވާނެ ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.
އެގޮތުން ފަތުރުވެރިކަމާ ގުޅުންހުރި ޒަމާނީ އާ ގޮތްތައް ތަޢާރުފުކުރައްވައި، އެ ދާއިރާގައި މަސައްކަތްކުރާ ޚިދުމަތްތެރީންނަށްޓަކައި ގެދޮރުވެރިކަން ފަދަ، ދިރިއުޅުމުގެ ލުއިފަސޭހަތައް ފަހިކޮށްދެއްވާނެ ކަމަށް ރައީީސް ވިދާޅުވިއެވެ.
