ގދ. ތިނަދޫ އިސްލާމީ މަރުކަޒު، އިސްލާމިކް ޔުނިވާސިޓީގެ ދަށަށް ބަދަލުކުރުމަށް ނިންމަވައި، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ އެކަން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ބޭފުޅުން އައްޔަނު ކުރައްވައިފައިވަނީ މިރޭގެ ވަގުތެއްގައެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް ފޭސްބުކްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވަނީ ތިނަދޫގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒު އަންނަ އަންގާރަ ދުވަހު އައިޔޫއެމް އާއި ހަވާލު ކުރައްވާނެ ކަމަށެވެ.

އޭގެ ސަބަބުން އިސްލާމީ ޢިލްމު އުނގެން ބޭނުންވާ ދަރިވަރުން އެ ސަރަހައްދުން މާލެ ނައިސް ކިޔެވޭނެ ގޮތް ފަހިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ގދ. ތިނަދޫގައި ޤާއިމުކޮށްފައިވާ އިސްލާމީ މަރުކަޒު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ އަންނަ އަންގާރަ ދުވަހު ޙަވާލުކުރެވިގެންދާނެ. އިސްލާމީ އިލްމު އުނގެން ބޭނުންވާ ދަރިވަރުން އެ ސަރަޙައްދުން މާލެ ނައިސް ކިޔެވޭނެ ގޮތް ފަހިވެގެންދާނެ. އިސްލާމީ ޙަޟާރަތާއި ސަޤާފަތުގެ މަރުކަޒަކަށް ވެގެންދާނެ.“ ޝަހީމްގެ ޕޯސްޓުގައިވެއެވެ.

ތިދޫގައި އިސްލާމީ މަރުކަޒެއް ބިނާ ކޮށްފައި ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ރައީީސް މުޢިއްޒުގެ ރިޔާސީ ކެމްޕެއިނުގައި ތިނަދުއަށް ވަޑައިގެން ޝަހީމް ވަނީ މި ސަރުކާރުން އެތަނަށް އިހުމާލުވެފައިވާކަން ފާހަގަކުރައްވައި، ރައީީސް މުޢިއްޒުގެ ސަރުކާރުން އެކަން ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.