އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި އިތުބާރަށް ޝުކުރު އަދާ ކުރައްވައި، ޤައުމުގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މޫސާ ޒަމީރު ރޭ ވަނީ ވަޒީރުކަމުގެ ހުވައި ކުރައްވައިފައެވެ.
ވަޒީރު ރޭ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ލީޑަރޝިޕާއި، ”ޕްރޯ މޯލްޑިވްސް“ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ ކުރިމަގަށްޓަކައި، ޤައުމުގެ އިސްތިޤްލާލު ހިމާޔަތް ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
Humbled by President Dr @MMuizzu’s trust in me to serve as his Minister of Foreign Affairs. Under the President’s leadership & ‘Pro Maldives’ vision, we will work to safeguard our sovereignty & strengthen our partnerships to secure a better & more prosperous future for #Maldives.
— Moosa Zameer (@MoosaZameer) November 17, 2023
ޒަމީރަކީ ޕީޕީއެމްގެ ކުރީ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.
ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވީއިރު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ކުރައްވައި، ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ މިނިވަންކަން ދިވެހީންނަށް މުހިންމުވާ މިންވަރު ފާހަގަކުރައްވައި، އެމަނިކުފާނު އެކަމަށް އަބަދުވެސް އިޙްތިރާމް ކުރައްވަވާނެ ކަމުގައި ވިދާޅުވިއެވެ.
ރިޔާސީ ކެމްޕެއިނުގައި، ރާއްޖޭގައި ބިދޭސީން ސިފައިން ތިބުމަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ، ދައްކަވަމުން ގެންދެވި ވާހަކަފުޅު، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައްޔިތުންނާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރެއްވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމުގެ ރަތް ރޮނގަށް އިޙްތިރާމް ކުރާ ކޮންމެ ޤައުމަކާއި އެކުގައި ވެސް ގާތް ގުޅުމެއް އޮންނާނެ ކަމަށެވެ.
