މާލެއަކީ ދިރިއުޅެން ހިތްގައިމު، ދުޅަހެޔޮ، އަމާން ސިޓީއަކަށް ހެދުމަށް ރައްޔިތުން އެދޭ އެދުން ފުއްދުމަށްޓަކައި ކުރެވޭ މަސައްކަތަށް ކުޑަވެސް މަޑުޖެހުމެއް އަޔަނުދެއްވާނެކަމުގެ ޔަޤިންކަން މާލޭ ސިޓީގެ މޭޔަރ، ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

Ads by Asuru

ޕޯޗުގަލްގެ މެޓޮސީނިއޮސްގައި ކުރިއަށްދާ އދ. ގެ ކަނޑާބެހޭ ޖަލްސާގެ ލޯކަލް އަދި ރީޖަނަލް ގަވަރންމަންޓާބެހޭ ޚާއްޞަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މޭޔަރ މުޢިއްޒު ވިދާޅުވީ، އެމަނިކުފާނާއި މާލޭ ސިޓީ ކައުންސިލުގެ ޓީމު މަސައްކަތް ކުރަމުންދަނީ ބަޖެޓުގެ ދަތިކަމާއި، ތަފާތު ފިއްތުންތައް އެކުލެވޭ މާޙައުލެއްގައި ކަމަށެވެ. ނަމަވެސް، ރައްޔިތުން ކަންބޮޑުވާ މައްސަލަތަކަށް ތަފާތު ގޮތްގޮތުން ޙައްލުތައް ހޯދުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ހުންނަވާނެކަމަށެވެ.

އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ފާހަގަކުރެއްވުމުގެ އިތުރުން، މޭޔަރު ވަނީ ސިޓީ ކައުންސިލުން އަލަށް ތަޢާރަފުކުރަން ރޭވިފައިވާ އީ-ބައިކް ޕްރޮޖެކްޓަށްވެސް ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައެވެ. އަދި، މާލޭގެ ފަރުތައް ސާފުކުރުމަށް ކުރެވޭ މަސައްކަތުގެ މަޢްލޫމާތުވެސް ޙިއްޞާކުރައްވާފައެވެ.

ދިވެހިރާއްޖެއަކީ ޖައްވުހޫނުވުމުގެ މައްސަލައިގައި، އެންމެ ކުރީސަފުގައި ހިމެނޭ ޤައުމެއްކަން ފާހަގަކުރައްވަމުން، ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖެއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި އެންމެ ފުރަތަމަ، އެންމެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ އެއް ޤައުމަށްވުމުގެ އިތުރުން، މިމައްސަލައި ބައިނަލްއަޤްވާމީ މުޖްތަމައުގެ ސަމާލުކަމަށްގެނައުމަށްވެސް އެންމެ ހަރުއަޑުން ވަކާލާތުކުރަމުން އަންނަ އެއް ޤައުމުގެ ގޮތުގައި، ގިނަ ބައެއްގެ އިޙްތިރާމް ހޯދާފައިވާ އެއްޤައުމުކަމަށެވެ.

”އަޅުގަނޑުމެންގެ ކަނޑު ފަޅުގެ ދިރުން ހިމާޔަތްކުރުމަކީ ދިވެހީން ޒަމާނުއްސުރެ އަހަންމިއްޔަތު ދެމުން އަންނަ ކަމެއް“

މިއަދު ރާއްޖެއަށް ތިމާވެށީގެ ރޮނގުން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި، އޭގެ ތެރެއިންވެސް ޕްލާސްޓިކް ކުނި އިތުރުވަމުންދާކަމީ، ކަނޑުތަކަށް އޭގެ ނުރައްކާ ފޯރަމުންދާ ކަމެއްކަން ހާމަކުރައްވާފައެވެ.

”އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ ތިމާވެށި ހިމާޔަތްކުރުމުގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރަމުން އަންނަ ބައެއް“ ކަމަށް ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ. ”މިއަދު، ރާއްޖެއިން އެދޭ ހަމައެކަނި އެދުމަކީ ކޮންމެ ޤައުމަކުންވެސް އެބައެއްގެ ޒިންމާ ފަރުވާތެރިކަމާއެކު އަދާކުރުން“

މިއަދު ފެށުނު ބައްދަލުވުމުގައި ޕޯޗުގަލް ސަރުކާރުގެ އެންމެ އިސް ގިނަ ވެރިންނާއި، އދ. ގެ ކަމާބެހޭ އިސްފަރާތްތަކުގެ އިތުރުން، އެހީދޭ ޖަމްޢިއްޔާތަކުންވެސް ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި، ގިނަ ޤައުމުތަކެއްގެ މޭޔަރުންންވެސް ޖަލްސާގެ ބައިވެރިންގެ ތެރޭގައި ހިމެނެއެވެ.