ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ރަސްމީ ފުރަތަމަ ދުވަސް ވެސް،  ނުފެށެނީސް ސަރުކާރަށް ފާޑު ކިޔައި އެމްޑީޕީން ބަޔާނެއް ނެރެފިއެވެ.

އެ ޕާޓީގެ އަންހެނުންގެ ރޫޙުގެ ފަރާތުން އިއްޔެ ނެރުނު މި ބަޔާނުގައި ވަނީ އަންހެނުން ބާރުވެރިކުރަން ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އިޙްލާސްތެރިކަމެއް ނެތްކަން ހާމަވެއްޖެ ކަމަށެވެ.

މި ބަޔާނުގައި ވަނީ 17 ނޮވެމްބަރު 2023 ގައި ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު އެކުލަވާލެވުނު ކެބިނެޓުގައި 22 ވަޒީރުން ތިއްބެވި އިރުވެސް ކެބިނެޓުގައި ހިމެނުނީ އެންމެ 3 އަންހެން ވަޒީރުންކަމަށާއި އެއީ ކެބިނެޓުގެ %13 ކަމަށެވެ.

ސީނިއޯރިޓީއަށް ބެލިކަމުގައި ވިޔަސް އެތަނުން އެއް އަންހެން ވަޒީރަކީ ދެވަނަ ދައުރަކަށް ވަޒީރުކަމާ ހަވާލުވެވަޑައިންނެވި، ކުރީބަރީގައި ތިއްބެވި ގިނަ ބޭފުޅުންނަށްވުރެން ސީނިއަރ ބޭފުޅަކަށް ވާއިރުވެސް ހުވާކުރެއްވުމަށް ވަޒީރުން ތަރުތީބު ކުރައްވާފައި ތިއްބެވިއިރު 3 އަންހެން ބޭފުޅުންވެސް ތިއްބެވީ ފަހަތުބަރިއަށް ލާފައިކަމަށްވެސް އެމްޑީޕީން ބުންޏެވެ.

ރައީސް އޮފީހުގެ އިސް މަަގާމުތަކަށް ބޭފުޅުން އައްޔަނު ކުރެއްވިއިރު ވެސް ހިމަނުއްވާފައިވަނީ އެންމެ އަންހެން ބޭފުޅެއްކަން ފާހަގަ ކޮށް އިތުރަށް އެމްޑީޕީން ބުނެފައިވަނީ ވަޒީރުންގެ މަޖިލީހަކީ ގައުމެއްގެ ހައިސިއްޔަތުން ބަސްކިޔުމުގައި ސަރުކާރުގެ އެންމެ މަތީ ފަޑިކަމުގައި ވާހިނދު ވަޒީރުންގެ މަޖިލީހުގައި އަންހެނުންގެ އަދަދު %13 އަށް ވެއްޓުމަކީ އަންހެނުން ސިޔާސީ ދާއިރާގައި ބާރުވެރި ކުރުމަށް މި ކުރެވޭ މަސައްކަތުގައި ވަރަށް ބޮޑަށް ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

ހަމައެހެންމެ ވަޒީރުންގެ މަޖިލިސް އަތުރާލެވޭއިރު އަންހެން ވަޒީރުން ފަހަތަށް ޖެއްސުމަކީ އެއިން ވަރަށް ގޯސްމާނައެއް ދޭހަވާކަމެއް ކަމަށާއި އެއީ އަންހެނުންނަކީ އަބަދުވެސް ފަހަތުގައި ތިބެންޖެހޭ ބައެއްކަމަށް ނުސީދާ ގޮތެއްގައި ދައްކުވައި ދިނުން ކަމަށް އެމްޑީިޕީއިން ބުންޏެވެ.

އަދި މި އަމަލާ ރައިސުލްޖުމްހޫރިއްޔާ އިއްޔެ ޖުމްހޫރީ މައިދާނުގައި ދެއްކެވި ވާހަކަފުޅާ އެއްގޮތަކަށް ވެސް ދިމާނުވާކަން ކަމަށް ވެސް އެމްޑީިޕީއިން ބުންޏެވެ.