ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި އުފެއްދި އައު ވުޒާރާތަކަށް ޕާމަނެންޓް ސެކެޓްރީން ހޯދަން އިޢުލާނު ކޮށްފިއެވެ.

ޕީއެސްއިން ހޯދަން އަލަށް އިޢުލާނު ކުރި ވުޒާރާތަކުގެ ތެރޭގައި ހިމެނެނީ، ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސްއެވެ.  މި މަޤާމުތަކަށް ކުރިމަތިލާން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވައިލައިފައެވެ.

މިމަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާލުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި 22 މިނިސްޓްރީއެއް ވަނީ އުފައްދައިފަ ޅއެވެ. އޭގެ ތެރޭގައި ކުރިން ހިންގި ބައެއް މިނިސްޓްރީތައް ދެބައިކުރުމަށް ފަހު، އަލަށް ވަނީ ހަތަރު ވުޒާރާއެއް އުފައްދައިފައެވެ.

ޕީއެސްގެ މަޤާމަކީ ސިވިލް ސާވިސްގެ އެންމެ އިސް މަޤާމެވެ. އެ މަޤާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާ އެކު ސަރުކާރު ނުވަތަ ޕަބްލިކް ނުވަތަ އަމިއްލަ ތަނެއް ހިންގުމުގައި މަދުވެގެން ހަ އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

އޭގެ އިތުރުން، ޕީއެސްއަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށް ސަރުކާރުގައި ނުވަތަ ޕަބްލިކް ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާއެއް ހިންގުމުގައި މަދުވެގެން ހަތަރު އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުންވެސް ހިމެނެއެވެ.

2016 ވަނަ އަހަރުން ފެށިގެން ޕީއެސްކަމުގެ މަގާމަސް މީހުން އައްޔަން ކުރަނީ އެވަގުތަކު ހުންނަ މިނިސްޓަރެއްގެ ލަފާގެ މަތިންނެވެ.