ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް ބުނެ ކުރީ ސަރުކާރުން ހެދީ ދޮގުކަން އައު ސަރުކާރުން ހާމަ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، ރާއްޖޭގައި މިހާރު ވެސް އިންޑިއާގެ 77 ސިފައިން އެބަތިބި ކަމަށެވެ.

އޭގެ ތެރޭގައި:

ދެ ހެލިކޮޕްޓަރު ދުއްވަން ތިބި 24 ސިފައިން.

ޑޯނިއަރ މަތިންދާ ބޯޓު ދުއްވަން ތިބި 26 ސިފައިން.

މެއިންޓެނެންސް އަދި އިންޖިނިއަރިން މަސައްކަތްތަކުގައި އުޅޭ ދެ ސިފައިން ހިމެނޭ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައިވެއެވެ.

މިކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓަރ އޮފް އަރތް ސައިންސެސް، މިސްޓަރ ކިރެން ރިޖިޖޫ އާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލް ރައީސް އޮފީހުން ހާމަނުކުރައްވައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާ ސަރުކާރުގައި ވެރިކަމުގެ އެންމެ ކުރީކޮޅު އެދިވަޑައިގަންނަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިންވެސް ވިދާޅުވެފައިވެއެވެ.