މިނިސްޓަރ އޮފް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ، ޢަލީ އިހުސާން ނޫސްވެރިންނާއި ބައްދަލުކުރައްވައި، ނޫސްވެރިންގެ ޝަކުވާތައް އަޑު އައްސަވައިފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ވިދާޅުވި ގޮތުގައި މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރު ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ފާޅު ކުރެއްވި ޚިޔާލުތަކަށް މަރިޙަބާ ވިދާޅުވެ، ނޫސްވެރިންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
މިނިސްޓަރ ޢަލީ ޢިޙްސާން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުން. މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރ ވަނި ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ފާޅު ކުރެއްވި ޚިޔާލުތަކަށް މަރްހަބާ ވިދާޅު ނޫސްވެރިންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ. pic.twitter.com/Cwtct0DAIp
— Ministry of Homeland Security & Technology, MV (@HomeMinistrymv) November 19, 2023
މިނިސްޓަރު އިހުސާން އަކީ ސިފައިންގެ ކެޕްޓަންގެ ރޭންކުގައި 11 އަހަރު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ މަޤާމުގެ ހުވައި ކުރެއްވުމަށް ފަހު އިހުސާން ވިދާޅުވީ އެމަނިކުފާނަކީ ފަސޭހަ މަސައްކަތާއި ހަވާލުވާނެ ބޭފުޅެއް ނޫން ކަމަށާއި ހޯމް މިނިސްޓަރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވީ އެކަމުގެ ބުރަ އަދި އުނދަގޫކަން އެނގިވަޑައިގެން ކަމަށެވެ.
އިހުސާން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ 24 ގަޑިއިރު މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށާއި އެމަނިކުފާނާ އެކު އެއް ވާނުގައި މަސައްކަތް ކުރައްވައި ދިވެހިންނަށް ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.
މިނިސްޓަރު އިހުސާން ނޫސްވެރިންނާއި ބައްދަލުކުރެއްވިއިރު، ނޫސްވެރިންގެ މިނިވަންކަމަށް ޖާގަ ދެއްވަވައި، ނޫސްވެރިންނާއި ގާތް ގުޅުމެއް ބޭއްވެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
އެމަނިކުފާނު ވަނީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ވަޢުދުވެވަޑައިގެންފައެވެ.
