ގެއްލިގެން ހޯދަމުން ދަނިކޮށް އައްޑޫ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓުގައި މަސައްކަތް ކުރާ ފުލުހަކު މަރުވެފައިވާ އޮއްވާ ފެނިއްޖެއެވެ.

Ads by Asuru

އުމުރުން 22 އަހަރުގެ އެ ޒުވާނާ މަރުވެފައި އޮއްވާ ފެނުނީ ހިތަދޫ ޓްރެކް ސަރަހައްދު މޫދުންނެވެ. އޭނާ ގެއްލިގެން ހޯދަން ފަށާފައިވަނީ ރޭގެ އިޝާ ނަމާދަށް ފަހު ގެއަށް ނައިސް ޚަބަރެއް ނުވުމުންނެވެ. މިކަން ފުލުހުންނަށް ރިޕޯޓްކޮށްގެން އޭނާ ހޯދަން ފަށާފައިވަނީ ރޭ 12:40 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޯދަމުންދަނިކޮށް އޭނާގެ ސައިކަލާއި ހެދުމާއި ފައިވާންށ ހިތަދޫ ޓްރެކް ސަރަހައްދުން ވަނީ ފެނިފައެވެ.

އެ ޒުވާނާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ހިތަދޫ ސްވިމިން ޓްރެކްސް ސަރަހައްދު މޫދުން ރޭ 1:40 އެހައިކަށްހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އަދި އޭނާ ވަގުތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި ނަމަވެސް، ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ މިހާރު އިތުރަށް ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.