އެއްބައިވަންތަކަމާއެކު، އެއްޓީމެއްގެ ގޮތުގައި ހުރިހައި އޮފީސްތަކާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އަމާޒުގައި، އަދި ރައްޔިތުން ފޯކަސްގައި ބަހައްޓައިގެން ނަތީޖާ ނެރެދިނުމުގެ އަޒުމުގައި މަސައްކަތްކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައީސް އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީސްކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުގެ ހުރިހައި ވުޒާރާތަކާއި މުއައްސަސާތަކަށް ދޭންޖެހޭ އިރުޝާދުތައް ދިނުމާއި، ބަލަހައްޓަންޖެހޭ ކަންކަން ބެލެއްހެޓުމުގެ ބޮޑު ޒިންމާ އަދާކުރައްވާ އޮފީސް ކަމަށް ވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިއަށް ގެންދަންވާނީ ސަރުކާރުގެ އެހެން އޮފީސްތަކަށްވެސް ރީތި މިސާލެއް ދައްކައިދޭ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
