ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މިހާރުގެ އަމްދަނީއަކީ ގާތްގަޑަކަށް 4.5 ބިލިޔަން އެމެރިކާ ޑޮލަރުކަމުގައި ވިދާޅުވެ، އެ އާމްދަނީ 6 ބިލިޔަން ޑޮލަރަށް މައްޗަށް ޖެއްސުމަކީ މި ސަރުކާރުން ކުރު ރާސްތާއެއްގައި ޙާޞިލުކުރަން ބޭނުންވާ ވަރަށް ބޮޑު އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި އުފެއްދެވި ވިޒިޓަރ އިކޮނޮމިކް ކައުންސިލުގެ މަސައްކަތްތަކުގެ މަޢުލޫމާތު ނޫސްވެރިންނާއި ހިއްސާ ކުރައްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރު ކުރުމުގެ ލަނޑުދަނޑި ޙާސިލުކުރުމުގައި ޓޫރިޒަމް ދާއިރާ އިތުރަށް ސިންދަފާތުކޮށް ކުޅިވަރު، ސަގާފަތް، ތައުލީމީ، އަދި ޞިއްޙީ ދާއިރާފަދަ ފަތުރުވެރިކަމަށް ފުރުޞަތުތައް ހުރި ބައެއް ދާއިރާތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ވިޒިޓަރ އިކޮނޮމިކް ކައުންސިލަކީ، ރާއްޖޭގެ އިޤްތިޞާދުގެ މައި އަސާސްކަމުގައިވާ ފަތުރުވެރިކަން ފުޅާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް އެކަން ހާސިލުކުރުމަށް އުފެއްދެވި ކައުންސިލެކެވެ.

އެ ކައުންސިލުގެ މެންޑޭޓްގެ ގޮތުގައި ހިމެނޭ އަނެއްކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމެވެ.