ގ.ދ ތިނަދޫގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ކޯސްތައް ހިންގަން ހަވާލުކޮށްފިއެވެ.
މިއަދު މިކަމާއި ގުޅޭގޮތުން 10 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އާއި ދެމެދު ވަނީ ސޮއިކުރެވިފައެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސަޢީދުއެވެ.
އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރުއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމިކް ޔުނިވާސިޓީގެ ކޯސްތައް ފެށުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި އައިޔޫއެމްގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނުމަށް ތައްޔާރަށް ތިބިކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
”އިސްލާމިކް ޔުނިވާސިޓީ މިދަނީ ވަރަށް ބޮޑަށް ފުޅާވަމުން. ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިސްލާމިކް ޔުނިވާސިޓީގެ ބިނާތައް ރާއްޖެއަށް އަންނާނެ. އިސްލާމިކް ޔުނިވާސިޓީ ކޯސްތައް ފެށެން މަގުތަނަވަސް ވެެގެން ދާނެ. “ ޑރ. ޝަހީމް ވިދާޅުވިއެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް ޔުނިވާސިޓީއަށް މީގެ ދެދުވަސް ކުރިން އައްޔަން ކުރެވުނު ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ވިދާޅުވީ މިހާރުވެސް ތިނަދޫގައި ކޯސްތައް ހިންގަމުންދާ ކަމަށާއި، ނަމަވެސް އަމިއްލަ ތަނެއް ނެތުމުގެ ވަރަށް ބޮޑު ދަތިތަކެއް ދިމާވާ ކަމަށެވެ. އަދި މިހާރު މިތަން ލިބުމުން މިއީ ލިބިގެންދާ ވަރަށް ބޮޑު ލުއި ފަސޭހައަށް ކަމަށް ވިދާޅުވިއެވެ.
ތިނަދޫ އިސްލާމީ މަރުކަޒުން އައިޔޫއެމްއަށް އޮފީސް ހިންގުމަށާއި ކްލާސްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ލިބިގެންދާނެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ތިނަދޫ އަކީ މި ސަރަހައްދުގެ މަރުކަޒީ ރަށަކަށްވުމުން ކައިރި ރަށްތަކުންވެސް ކިޔަވަން ދަރިވަރުން އަންނާނެ ކަމަށެވެ.
