ލަވަކިޔުން ދޫކޮށްލި ފަހުން، ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނައި، ޢަލީ ރަމީޒު އިއްޔެ ވަނީ އަދިވެސް އެ ހުނަރު ހުރިތޯ ބަލައިލަން މަދަހައެއް ކިޔާ ވީޑިއޯއެއް މީސްމީޑިއާއަށް ދޫކޮށްލައިފައެވެ.
އެއީ އޭނާ ކުރިން ކިޔައިފައިވާ މަދަހަ ”ތިޔައޭ ރަސޫލަކީ“ގެ ތަންކޮޅެކެވެ. އެ މަދަހައިގެ ތަންކޮޅެއް ކިޔައިލާ މަންޒަރު ފެންނަ ވީޑިއޯއަށް މިހައިތަނަށް 14،000އަށް ވުރެ ގިނަ މީހުން ފޭސްބުކްގައި ރިއެކްޓް ކޮށްފައިވެއެވެ. 2800އަށްވުރެ ގިނަ މީހުން އެ ވީޑިއޯ ޝެއާ ކުރިއެވެ. އެންމެ 27 ސިކުންތުގެ އެ ވީޑިއޯއަށް މިހައިތަނަށް 153،000 ވިއުސް ލިބިފައިވެއެވެ. ކޮމެންޓުތަކުގައި ޢަލީއަށް އޮތީ ހުސްނުވާ ތަޢުރީފެވެ. އެންމެން ވެސް ބުނަމުން ދިޔައީ އޭނާ އަކީ އަދިވެސް ރަން އަޑުގެ ވެރިޔާ ކަމަށެވެ. ވީޑިއޯގެ ކެޕްޝަންގައި ޢަލީ ލިޔުނީ ”އަދިވެސް ޓަޗް ހުރިތޯ ބަލައިލީ“ ކަމަށެވެ. އާއްމުންގެ ކޮމެންޓަށް ބަލާއިރު، ޢަލީ އަކީ އަދިވެސް ރާއްޖޭގެ އެއްވަނައެވެ. ޓަޗު ގެއްލެން ކާރި ވެސް ނުވެއެވެ.
”ޓަޗުގެ ވާހަކަ އަދި ބާއްވާ. އަދިވެސް އައްޔައާ ހަމަކޮށްލެވޭވަރު މީހަކު ނެތް.“ މީހަކު ކުރި ކޮމެންޓެއްގައިވެއެވެ.
”އަދިވެސް ތި އަޑުން އާ މަދަހަތައް އިވޭނެ ކަމަށް އުއްމީދު ކުރަން.“ އިތުރު ކޮމެންޓެއްގައިވެއެވެ.
ވީޑިއޯއަށް ލިބުނު ހޫނު ތަރުހީބަށް ޢަލީ ވަނީ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ގިނަ މީހުން އެ މަދަހައިގެ ”ފުލް ވާޝަން“އަށް އެދިފައިވާތީ، އެ ވާޝަން ރެކޯޑްކޮށް، ހަދިޔާ ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ޢަލީ ރަމީޒު ލަވަކިޔުން ހުއްޓައިލައި، އޭނާގެ ލަވަތައް އަޑުނާހަން ވަނީ އެދިފައެވެ. މިއުޒިކާއިއެކު ލަވަ ހުއްދަ ނޫން ކަމަށް ވަރަށް ގިނަ ދީނީ ޢިލްމުވެރިން އެއްބަސްވެލައްވައެވެ. ނަމަވެސް މަދަހަ ކިޔުން ހުއްދަ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
